10 ރުފިޔާގެ ސްޓޮކް މަދުވުމާއި ބައުވެ ހަލާކުވާ ނޫޓުތައް އައުކުރުމަށްޓަކައި، ރަންދިހަފަހެއް ސީރީޒްގެ 10 ރުފިޔާގެ އައު ޗާޕެއް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ރާއްޖެ ގެނެސްފިއެވެ. މި އައު ނޫޓުތައް އަންނަ އޭޕްރީލް މަހުގެ 1 ވަނަ ދުވަހުން ފެށިގެން ދައުރުވާ ފައިސާގެ ތެރެއަށް ދޫކުރުމަށް މަރުކަޒީ ބޭންކުން ވަނީ ނިންމާފައެވެ.
އެމްއެމްއޭއިން ހާމަކުރި ގޮތުގައި، 10 ރުފިޔާގެ ނޫޓަކީ ދަށް ޑިނޯމިނޭޝަންގެ ނޫޓަކަށް ވުމުން ވިޔަފާރީގެ މުއާމަލާތްތަކުގައި މާރުކުރުމަށް އާންމުކޮށް މި ނޫޓު ބޭނުންކުރާ މިންވަރު ވަރަށް ގިނައެވެ. މީގެ ސަބަބުން ނޫޓު ހަލާކުވާ މިންވަރު އިތުރުވާ ކަމަށާއި، ބޮޑެތި އަދަދުތަކުގެ މުއާމަލާތްތަކުގައި މިފަދަ ނޫޓު ބޭނުންނުކުރާތީ ބޭންކުތަކަށް ފައިސާ ޖަމާކުރުމުގެ ތެރެއިން މި ނޫޓު ލިބޭ މިންވަރު މަދުކަން އެ އޮތޯރިޓީން ފާހަގަކުރެއެވެ. އަދި މިހާރު ބޭނުންކުރާ ސީރީޒަށް 10 އަހަރަށްވުރެ ގިނަ ދުވަސްވެފައިވުމުން، ބާނޫޓުގެ ގޮތުގައި ލިބޭ މިންވަރުވެސް ވަނީ އިތުރުވެފައެވެ.
މިއީ “ރަންދިހަ ފަހެއް” ސީރީޒް ތައާރަފްވި ފަހުން 10 ރުފިޔާގެ ނޫޓު ޗާޕްކުރި ތިންވަނަ ފަހަރެވެ. އެންމެ ފުރަތަމަ މި ނޫޓު ޗާޕްކުރީ 2015 ވަނަ އަހަރު ކުރީގެ ގަވަރުނަރު އަޒީމާ އާދަމްގެ ސޮއާއެކުއެވެ. އޭގެ ފަހުން 2018 ވަނަ އަހަރު ކުރީގެ ގަވަރުނަރު އަހްމަދު ނަސީރުގެ ސޮއާއެކު ދެވަނަ ޗާޕެއް ނެރެފައިވެއެވެ.
އަލަށް ނެރޭ 10 ރުފިޔާގެ ނޫޓުގައި ސޮއިކުރައްވާފައި ވަނީ މިހާރުގެ ގަވަރުނަރު އަޙްމަދު މުނައްވަރެވެ. މި ނޫޓުގައި ޖަހާފައިވަނީ 31 ޖުލައި 2025 ގެ ތާރީޚެވެ. މި އައު ޗާޕުގެ ހާއްސަ ސިފައަކީ ނޫޓުގެ ދެފުށުގައި ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވުމެވެ. މި ނިޝާން ހިމަނާފައިވަނީ ނޫޓުގެ މޫނުމަތީގެ ވައަތްފަރާތުން މަތީގައިވާ އަގާއެކު އަދި ފަހަތުގެ ކަނާއަތް ފަރާތުން މަތީގައިވާ އަގާއެކުގައެވެ.
އެމްއެމްއޭއިން ބުނި ގޮތުގައި އަލަށް ނެރޭ ނޫޓުތަކާއެކު މިހާރު ބޭނުންކުރާ 10 ރުފިޔާގެ ނޫޓުތައްވެސް ދައުރުވަމުންދާނެއެވެ. އިގްތިޞާދުގައި ނޫޓަށް އޮންނަ ޑިމާންޑަށް ފައިސާ ފޯރުކޮށްދިނުމަށާއި، ދައުރުވާ ފައިސާއަކީ ރަނގަޅު ފެންވަރެއްގެ ފައިސާއަށް ހެދުމަކީ އެ އޮތޯރިޓީން އަބަދުވެސް ކުރަމުން އަންނަ މަސައްކަތެއް ކަމަށް އެމްއެމްއޭއިން ހާމަކުރެއެވެ.

