ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީ.އެސް.އައި.ޕީ) ގެ ދަށުން، ގދ. ތިނަދޫ ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތިންވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ކުރަންޖެހޭ ސާރވޭގެ މަސައްކަތްތައް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ފަށައިފިއެވެ.
ތިނަދޫ ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝަރޫއުގެ 3 ވަނަ ފިޔަވަހީގެ މަސައްކަތް އާރްޑީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާބެެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އާރްޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޒީމެވެ.
މި ފިޔަވަހީގެ ދަށުން ތިނަދޫ ސިޓީގެ ޖުމްލަ 50 މަގެއް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތުގެ ތެރޭގައި މަގުތަކުގައި ތާރު އެޅުމާއި، ފެން ހިންދާ ނިޒާމު ގާއިމުކުރުމުގެ އިތުރުން، ދުވާރުތައް ހެދުމާއި، ރޯޑް މާރކިން އަދި ސައިން ބޯޑް ހަރުކުރުމުގެ މަސައްކަތްތައް ހިމެނެއެވެ.
މިއީ ޖުމްލަ 341 މިލިޔަން ރުފިޔާ ހޭދަކޮށްގެން ކުރިއަށްގެންދާ ބޮޑު މަޝްރޫޢެކެވެ. މި މަޝްރޫޢުގެ މަސައްކަތްތައް ނިންމުމަށް އާރްޑީސީއަށް ދީފައިވަނީ 1440 ދުވަހުގެ މުއްދަތެކެވެ.
ރާއްޖޭގެ ސިޓީތަކުގެ ހުރިހާ މަގުތަކެއް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ވައުދުފުޅެކެވެ. މި މަޝްރޫޢު ނިމުމާއެކު ތިނަދޫ ސިޓީގެ ދަތުރުފަތުރުގެ ނިޒާމަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

