ޤަޠަރު އެއާވޭސްއިން ރާއްޖެއަށް ކުރަމުން އައި ދަތުރުތައް ވަގުތީގޮތުން މެދުކަނޑާލުމަށްފަހު، އަލުން ދަތުރުތައް ފެށުމަށް ތައްޔާރުވެއްޖެއެވެ. އެ އެއާލައިނުން ރާއްޖެއަށް ކުރަމުން އައި ދަތުރުތައް މެދުކަނޑާލީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން އެ ސަރަހައްދުގެ ވައިގެ ސަރަހައްދު ބަންދުވުމުގެ ސަބަބުންނެވެ.
ވިޒިޓް މޯލްޑިވްސްއިން ހާމަކޮށްފައިވާ ގޮތުގައި، ޤަޠަރު އެއާވޭސްގެ ދަތުރުތައް އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ 8 ވަނަ ދުވަހުއެވެ. މިގޮތުން ކޮންމެ ހަފުތާއަކު 5 ދަތުރު ރާއްޖެއަށް ކުރުމަށް ވަނީ ނިންމާފައެވެ. މިއީ ރާއްޖެއާއި ޤަޠަރާ ދެމެދު ވައިގެ މަގުން ގުޅާލުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ބެލެވެއެވެ.
ޤަޠަރު އެއާވޭސްއަކީ ރާއްޖެއަށް ގިނަ އަދަދަކަށް ފަތުރުވެރިން ގެނެސްދޭ މުހިންމު އެއާލައިނެކެވެ. މި ދަތުރުތައް އަލުން ފެށުމާއެކު، މެދުއިރުމައްޗާއި ޔޫރަޕް އަދި އެމެރިކާ ފަދަ ސަރަހައްދުތަކުން ރާއްޖެއަށް ދަތުރުކުރާ ފަރާތްތަކަށް ކަނެކްޓިވިޓީ އިތުރަށް ފުޅާވެ، ދަތުރުފަތުރުގެ ހިދުމަތްތަކަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެ އެއާލައިނުން ޤަބޫލުކުރެއެވެ.
ދަތުރުތަކަށް އައި ބަދަލާ ގުޅިގެން، ޖޫން މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ދަތުރުކުރުމަށް ޓިކެޓް ނަގާފައިވާ ފަސިންޖަރުންނަށް، އެއްވެސް ދަތިކަމެއް ނެތި ދަތުރުކުރާ ތާރީޚު ބަދަލުކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ޤަޠަރު އެއާވޭސްއިން ވިދާޅުވިއެވެ. މެދުއިރުމަތީގެ ހާލަތާ ގުޅިގެން ދޯހާ މަގުން ދަތުރުކުރާ ފަރާތްތަކަށް ކުރިމަތިވި ޓްރާންސިޓް ދަތިތަކަށް މީގެ ސަބަބުން ހައްލެއް ލިބޭނެއެވެ.
ވިޒިޓް މޯލްޑިވްސްއިން ވަނީ އެ އެއާލައިނުން ދަތުރުކުރާ ފަރާތްތަކުން ފުރުމުގެ ކުރިން ފްލައިޓް އޮންނަ ގަޑިތައް ޔަގީންކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި ބައެއް ހާލަތްތަކުގައި ފްލައިޓް ޝެޑިއުލަށް ބަދަލުތަކެއް އަތުވެދާނެތީ، އެފަދަ ކަންކަމަށް ސަމާލުވުމަށްވެސް ވަނީ އެދިފައެވެ.

