އދ. ދިއްދުގައި ސަރުކާރުން ތަރައްގީ ކުރާ ފުޓްސަލް ދަނޑުގެ އަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމާލައިފިއެވެ. މި މަޝްރޫއަކީ އެ ރަށުގެ ޒުވާނުންނަށް ކުޅިވަރުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.
އެމްޓީސީސީން މިއަދު ހާމަކުރި ގޮތުގައި، ދިއްދޫ ފުޓްސަލް ދަނޑުގެ އަމަލީ މަސައްކަތްތައް އެ ކުންފުނިން އެއްކޮށް ނިންމާލާފައިވަނީ މި ހިނގާ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ. މި މަޝްރޫއަކީ ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ކުރިއަށް ގެންގޮސް ނިންމާލެވުނު މަސައްކަތެއްކަން އެ ކުންފުނިން ފާހަގަކުރެއެވެ.
ދިއްދޫ ފުޓްސަލް ދަނޑުގެ ބިންގާ އަޅާފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އދ. އަތޮޅުގެ ރަށްތަކަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން އެ ރަށަށް ވަޑައިގެން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި މަޝްރޫއަކީ ރައީސްގެ ވައުދުފުޅުތަކުގެ ތެރެއިން ބާރުމިނުގައި ކުރިއަށްދިޔަ މަޝްރޫއެކެވެ.
މި މަޝްރޫއުގެ ދަށުން އެމްޓީސީސީން ވަނީ ދަނޑުގެ ބިންގަނޑު އެއްވަރުކުރުމުގެ މަސައްކަތާއި، ކޮންކްރީޓްގެ އެންމެހާ މަސައްކަތްތައް ނިންމާފައެވެ. މީގެ އިތުރުން ދަނޑުގެ ވަށާފާރު ރޭނުމާއި، ކުޅިވަރު ކުޅޭއިރު ބޭނުންވާނެ ކަރަންޓުގެ އެންމެހާ އިންތިޒާމުތައް ފުރިހަމަކުރުން މި މަސައްކަތްތަކުގެ ތެރޭގައި ހިމެނެއެވެ.
ޖުމްލަ 1.74 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫއަކީ 120 ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީއާ ހަވާލުކުރި މަސައްކަތެކެވެ. ދަނޑުގެ މަސައްކަތް ނިމުމާއެކު، ދިއްދޫގެ ޒުވާނުންނަށް ފެންވަރު ރަނގަޅު ދަނޑެއްގައި ފުޓްސަލް ކުޅުމުގެ ފުރުސަތު މިހާރު ވަނީ ތަނަވަސްވެފައެވެ.

