މި ސަރުކާރަށް ބޯހިޔާވަހިކަމަކީ ސިޔާސީ ކަމެއް ނޫންކަމަށާއި، އެއީ އިންސާނިއްޔަތަށްޓަކައި ކޮށްދޭންޖެހޭ ކަމެއްކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކޮމްޕެނީން ހުޅުމާލޭގައި އިމާރާތްކުރާ 1190 ޔުނިޓްގެ ބިންގާއަޅުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ވަޒީރު ވިދާޅުވީ ދާއިމީ ބޯހިޔާވަހިކަމަކީ ކޮންމެ ދިވެހި ރައްޔިތަކަށްވެސް ލިބިފައިވާ އަސާސީ ރައްކާތެރިކަމަކަށް ހެދުމަށް ސަރުކާރުން މިހާރުވެސް މުހިންމު މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އެގޮތުން ބޭންކުން ލޯނު ނަގައިގެން އަމިއްލަ ބޯހިޔާވަހިކަމެއް ފުރަތަމަ ފަހަރަށް ގަންނަ ފަރާތްތަކަށް ހެޔޮ އަގުގައި އެ ފުރުޞަތު ފަހިކޮށްދިނުމާއި، ކުޑަ އާމްދަނީ ލިބޭ އާއިލާތަކަށް “ލީސްޓް އޯން” މޮޑެލްގެ ދަށުން ސޯޝަލް ހައުސިން ފޯރުކޮށްދިނުމުގެ މަސައްކަތްތައް ފެށިފައިވާކަން ފާހަގަކުރެއްވިއެވެ.
މާލޭގައި ދިރިއުޅޭ ގިނަ އާއިލާތަކަކީ އާއިލާއެއް ގޮވައިގެން ހަމަޖެހިލައިގެން އުޅެވޭނެ ބޯހިޔާވަހިކަމެއް ނެތް ބައެއްކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި މިފަދަ ފަރާތްތަކަކީ ބާކީވެފައިވާ ބަޔަކަށް ނުވާނެ ކަމަށެވެ. އަދި ހާލުގައި އުޅޭ ފަރާތްތަކަށް ޚާއްސަ އުސޫލަކުން އިސްކަންދީގެން ބޯހިޔާވަހިކަން ލިބޭނެ މަގުފަހިކުރުމުގެ އިދާރީ މަސައްކަތްތައް މިހާރު ކުރިއަށްދާކަމަށްވެސް ވިދާޅުވިއެވެ.
“އޯގާތެރި ސަރުކާރުން އެހީތެރިކަން ބޭނުންވާ ނިކަމެތިންނަށް އެހީތެރިކަން ހޯދަން މަސައްކަތްކުރާނެ. އޯގާތެރި ސަރުކާރަކުން އެ ފަރާތްތަކަށް އެހީތެރިކަން ހޯދައިދޭނެ، އެންމެ ފަޤީރު އެންމެ ނިކަމެތި ފަރާތްތަކަކީ މުޖުތަމައުން ބާކީވެފަތިބި ފަރާތްތަކަށް ވާކަށް އަޅުގަނޑުމެން ބޭނުމެއްނޫން،” ވަޒީރު ވިދާޅުވިއެވެ.
ނިންމަވާލައްވަމުން ވަޒީރު ވިދާޅުވީ މުޖުތަމަޢުގެ އެކި ގިންތިތަކަށް ބޭނުންވަނީ އެކި ކަހަލަ ހައްލުތައް ކަމަށާއި، ސަރުކާރުގެ އަމާޒަކީ ބޯހިޔާވަހިކަމަކީ ކޮންމެ ރައްޔިތަކަށްވެސް ލިބިފައިވާ ހައްޤަކަށް ހެދުން ކަމަށެވެ.

