ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ ހިޔާ ފްލެޓުތަކުގެ ފިނިޝިން މަސައްކަތަށް ހިނގި ޚަރަދުގެ ބަދަލު ދިނުމުގެ ގޮތުން، ކުރިއަށް އޮތް ދެ އަހަރުގެ ކުލި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކަނޑާލައިފިއެވެ.
މި ނިންމުމަކީ ހިޔާ ފްލެޓްތަކުގެ ފިނިޝިން މަސައްކަތަށް އާއްމުން ކޮށްފައިވާ ޚަރަދު އަނބުރާ ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދު ތަންފީޒުކުރުމުގެ ގޮތުން ނިންމި ނިންމުމެކެވެ. މިކަމާ ގުޅޭ ތަފްސީލް ހާމަކޮށް، އެޗްޑީސީން ވަނީ ހިޔާ ފްލެޓްތަކުގެ ވެރިންނަށް މިދިޔަ ހަފްތާގައި ސިޓީއެއް ފޮނުވާފައެވެ.
އެޗްޑީސީން ފޮނުވި ސިޓީގައި ބަޔާންކޮށްފައިވާ ގޮތުގައި، ފްލެޓުގެ ފިނިޝިންއާ ގުޅިގެން ކޮންމެ ފްލެޓަކަށް ކަނޑައަޅާފައިވާ 200,000 ރުފިޔާގެ ޑިސްކައުންޓުގެ ތެރެއިން ނުދެވި އޮތް އަދަދުން، ފްލެޓުގެ ކުލީގެ ގޮތުގައި ނުދެއްކި ހުރި ފައިސާ އުނިކުރެވޭނެއެވެ. މީގެ އިތުރުން، ފިނިޝިންއަށް ދިޔަ ޚަރަދު ހަމަކުރުމަށްޓަކައި ކުރިއަށް އޮތް ދެ އަހަރު ދުވަހު ފްލެޓްތަކުގެ ކުލި ދައްކަން ނުޖެހޭނެ ކަމަށް އެ ކޯޕަރޭޝަނުން ވިދާޅުވިއެވެ.
ކުލި ކަނޑާލި ނަމަވެސް، ފްލެޓްތަކުގެ މެއިންޓަނެންސް ފީގެ ގޮތުގައި ކޮންމެ މަހަކު ދައްކަންޖެހޭ 1,000 ރުފިޔާ ދައްކަން ޖެހޭނެ ކަމަށް އެޗްޑީސީން ބުންޏެވެ. ހިޔާ ޓަވަރުގެ ކޮންމެ އެޕާޓްމަންޓެއްގެ މަހު ކުއްޔަކީ 3,984 ރުފިޔާއެވެ. މެއިންޓަނެންސް ފީއާއެކު މީގެ ކުރިން ކޮންމެ މަހަކު އެޗްޑީސީއަށް ދައްކަން ޖެހެނީ 4,984 ރުފިޔާއެވެ.
ސަރުކާރުން ވަނީ ހިޔާ ފްލެޓުތަކުގެ ކުލި ނުދައްކައިގެން މިދިޔަ ޑިސެމްބަރު މަހާ ހަމައަށް އަރާފައިވާ ހުރިހާ ޖޫރިމަނާތަކެއް ވެސް މާފުކޮށްދީފައެވެ. މި ނިންމުމުގެ ސަބަބުން ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ގިނަ އާއިލާތަކަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

