ސައުދީ އަރަބިއާގެ ގައުމީ އެއާލައިން، ސައުދިއާ އިން ދިވެހިރާއްޖެއަށް ޝެޑިއުލް ދަތުރުތައް ކުރަން ފެށިތާ 10 އަހަރު ފުރުން ކުލަގަދަގޮތެއްގައި ފާހަގަކޮށްފިއެވެ. ސައުދިއާ އިން ރާއްޖެއަށް އެންމެ ފުރަތަމަ ދަތުރުތައް ފަށާފައިވަނީ 30 މާރިޗު 2016 ގައެވެ.
މި މުނާސަބަތު ފާހަގަކުރުމުގެ ގޮތުން އިއްޔެ ރާއްޖެ އައި ސައުދިއާގެ ފްލައިޓް، SV838 އިން ދަތުރުކުރި ފަސިންޖަރުންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ. މީގެ އިތުރުން، އެ އެއާލައިނުން އިއްޔެ ރާއްޖެއިން ފުރި ފަސިންޖަރުންނަށްވެސް ވަނީ މި ދުވަހުގެ ހަނދާނުގައި ހާއްސަ ހަދިޔާތަކެއް ދީފައެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވިދާޅުވީ، ފާއިތުވި 10 އަހަރު ދުވަހުގެ ތެރޭގައި ސައުދިއާ އިން ރާއްޖެއަށް ކުރި ދަތުރުތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ. އަދި މީގެ ސަބަބުން ދިވެހިރާއްޖެއާއި ސައުދީ އަރަބިއާއާ ދެމެދު އޮންނަ ގާތް ގުޅުން އިތުރަށް ހަރުދަނާވެގެން ގޮސްފައިވާކަން އެ ކުންފުނިން ފާހަގަކުރެއެވެ.
ސައުދިއާ އަކީ ރާއްޖެއަށް ދަތުރުކުރާ އެއާލައިންތަކުގެ ތެރެއިން މެދުއިރުމަތީގެ މުހިންމު އެއް އެއާލައިނެވެ. މި ދަތުރުތަކުގެ ސަބަބުން ސައުދީ އަރަބިއާގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ބޮޑެތި ފަސޭހަތަކެއް ވަނީ ލިބިގެން ގޮސްފައެވެ.

