ތެރަޕިއުޓިކް އަދި ރިހެބިލިޓޭޝަން ފަރުވާގެ ދާއިރާއިން ދިވެހިން ތަމްރީންކުރުމަށްޓަކައި، ސަރުކާރުގެ ފަރާތުން 250 ސްކޮލަރޝިޕްގެ ފުރުޞަތު މިއަދު ހުޅުވާލައިފިއެވެ. މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން އިޢުލާންކުރި މި ފުރުޞަތުތަކުގެ ތެރޭގައި ރާއްޖެއާއި ރާއްޖެއިން ބޭރުން ކިޔެވުމުގެ ފުރުޞަތުތައް ހިމެނެއެވެ.
މި ފުރުޞަތުތަކުގެ ތެރޭގައި ހިމެނެނީ ރާއްޖޭގައި ބެޗެލަރސް ޑިގްރީއަށް ކިޔެވުމަށް ދޭ 120 ފުރުޞަތާއި، މާސްޓަރސް ޑިގްރީއަށް ދޭ 20 ފުރުޞަތެވެ. މީގެ އިތުރުން ރާއްޖެއިން ބޭރުން ޑިގްރީއަށް ކިޔެވުމަށް 30 ފުރުޞަތު އަދި މާސްޓަރސް ޑިގްރީއަށް 80 ފުރުޞަތު ވަނީ ހުޅުވާލާފައެވެ. މި ސްކީމްގެ ދަށުން އެންމެ ގިނަ ފުރުޞަތު ހުޅުވާލާފައިވަނީ ސްޕީޗް ތެރަޕީގެ ދާއިރާއިންނެވެ. އެއީ ޖުމްލަ 90 ފުރުޞަތެވެ.
ރާއްޖޭގައި ތިބެގެން ކިޔެވުމަށް ހުޅުވާލާފައިވާ ދާއިރާތަކުގެ ތެރޭގައި ސައިކޮލޮޖީ، ކައުންސިލިން/ބިހޭވިއަރ ތެރަޕީ، އޮކިއުޕޭޝަނަލް ތެރަޕީ އަދި ސްޕީޗް ތެރަޕީ ހިމެނެއެވެ. ރާއްޖެއިން ބޭރުން މާސްޓަރސް ފެންވަރަށް ކިޔެވުމަށް އޮކިއުޕޭޝަނަލް ތެރަޕީ، ސްޕީޗް ތެރަޕީގެ އިތުރުން ބިހޭވިއަރ އެނަލިސިސް ފަދަ ދާއިރާތައް ވަނީ ހިމަނާފައެވެ.
ސަރުކާރުން ހާމަކުރައްވާފައިވާ ގޮތުގައި، މި ފުރުޞަތުތަކުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ކޮންމެ ސަރަޙައްދަކުންވެސް ތެރަޕީގެ ޚިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެ މަގު ފަހިކުރުމެވެ. މިވަގުތު ރާއްޖޭގެ ގިނަ ހޮސްޕިޓަލްތަކުގައި މި ފަރުވާތައް ދެމުންދަނީ ބޭރުގެ ތެރަޕިސްޓުން މެދުވެރިކޮށް ކަމަށްވާތީ، ދިވެހިން މި ދާއިރާއަށް ނެރެ ޕޭޝަންޓުންނާ ގާތުން ޚިދުމަތް ދިނުމަކީ ސަރުކާރުގެ ބޮޑު އަމާޒެކެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި ވޭތުވެދިޔަ 3 އަހަރުގެ ތެރޭގައި 70,000 އަށްވުރެ ގިނަ މީހުން ވަނީ ނަފްސާނީ ބަލިތަކުގެ ފަރުވާ ހޯދާފައެވެ. އަދި އެންސްޕާ މެދުވެރިކޮށް 220 އަށްވުރެ ގިނަ ކުދިން ގަވައިދުން ތެރަޕީގެ އެހީ ހޯދަމުންދާއިރު، ޚިދުމަތް ނުލިބި ތިބި ގިނަ ބަޔަކު ތިބިކަން ސަރުކާރުން ފާހަގަކުރެއެވެ.
މި ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީޚަކީ އޭޕްރިލް މަހުގެ 20ވަނަ ދުވަހުގެ 13:30 އެވެ. މި ފުރުޞަތުތަކާ ގުޅޭ އިތުރު މަޢުލޫމާތާއި، ޝަރުޠުތައް އަދި އުސޫލުތައް މިހާރު ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައެވެ.

