އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުން ހުއްޓުވާނެ ޤާނޫނީ އަސާސެއް ނެތް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ. ސުޕްރީމް ކޯޓުން މިގޮތަށް ކަނޑައަޅާފައިވަނީ އެ ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައިގެ ހުކުމް އިއްވަވަމުންނެވެ.
ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ހުކުމް އިއްވަވަމުން އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ވިދާޅުވީ، ފެންނަ ނުފެންނަ ވޯޓެއް ނަގާއިރު ސުވާލު ހިމަނަންޖެހޭ ވަކި ގޮތެއް ޤާނޫނުއަސާސީއާއި ޤާނޫނުތަކުގައި ބަޔާންކޮށްފައި ނެތް ކަމަށެވެ. އަދި މިހާރު ވޯޓުގައި ހިމަނާފައިވާ ސުވާލަކީ ޤާނޫނުއަސާސީއާ ޚިލާފު ސުވާލެއް ކަމަށް ބެލެވެން ނެތް ކަމަށްވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
މި މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ އިއްތިފާޤުން ކުރެއްވި ހުކުމުގައި ބަޔާންކޮށްފައިވަނީ، ފެންނަ ނުފެންނަ ވޯޓު ހުއްޓުވަންޖެހޭ އެއްވެސް ޤާނޫނީ ސަބަބެއް ނެތް ކަމަށެވެ. މި މައްސަލައަކީ ޤާނޫނީ ވަކީލް އައިކް އަޙްމަދު އީސަ އާއި ޤާނޫނީ ވަކީލް އިބްރާހިމް ޝިޔާމްގެ ފަރާތުން، ވޯޓުގައި ކުރާ ސުވާލަކީ ޤާނޫނުއަސާސީއާ ޚިލާފު ސުވާލެއް ކަމަށް ބުނެ ހުށަހެޅި މައްސަލައެކެވެ.
އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ތައްޔާރުވަމުންދާ މި ވޯޓަކީ، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ޤާނޫނުއަސާސީއަށް ގެނެސްފައިވާ 8 ވަނަ އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރެއްވުމާ މެދު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނަގާ ވޯޓެކެވެ.

