އިނގިރޭސިވިލާތުގެ މަތީ ތަޢުލީމުގެ ފެންވަރު ކަށަވަރުކޮށްދޭ މިނިވަން އިދާރާ، ކޮލިޓީ އެޝުއަރެންސް އެޖެންސީ ފޯ ހަޔަރ އެޑިއުކޭޝަން (QAA) އިން ދޭ “އިންޓަނޭޝަނަލް ކޮލިޓީ އެކްރެޑިޓޭޝަން” ގެ މިޑް ސައިކަލް ރިވިއު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން ކާމިޔާބުކަމާއެކު ފުރިހަމަކޮށްފިއެވެ.
މި ކާމިޔާބީއާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ. ޝެހެނާޒް އާދަމް ވިދާޅުވީ، އެމްއެންޔޫގައި ކިޔަވައިދިނުމާއި، އުނގެނުމާއި އަދި ދިރާސާ ކުރުމުގެ ހުރިހާ ދާއިރާއަކުންވެސް އެންމެ ބޮޑު އިސްކަމެއްދެނީ ފެންވަރު ހިފެހެއްޓުމަށް ކަމަށެވެ.
ވައިސް ޗާންސެލަރ ވިދާޅުވީ، “QAA އިން ލިބުނު އެކްރެޑިޓޭޝަންއަކީ، އެމް.އެން.ޔޫގެ ސްޓްރެޓީޖިކް ޕްލޭން 2026-2030 ގައިވެސް ކަނޑައަޅާފައިވާ ފަދައިން، ހަމައެކަނި ތަޢުލީމީ ގޮތުން ޤާބިލު ބައެއްގެ ބަދަލުގައި، މުޖުތަމަޢަށް އިންގިލާބީ ބަދަލުތަކެއް ގެނައުމަށާއި ޤައުމު ބިނާކުރުމުގައި ހަރަކާތްތެރި މީހުން ބިނާކުރުމަށް އަޅުގަނޑުމެން ކުރާ މަސައްކަތަށް ލިބުނު އިތުރު ބާރެއް” ކަމަށެވެ.
އެމްއެންޔޫއިން ހާސިލްކުރި މި އެކްރެޑިޓޭޝަނަކީ ފަސް އަހަރުގެ މުއްދަތަކަށް ދޭ އެކްރެޑިޓޭޝަނެކެވެ. ނަމަވެސް، އެ މުއްދަތުގެ މެދުތެރެއިން ކުރިއަށްގެންދާ މިޑް ސައިކަލް ރިވިއުއަކުން ފާސްވާން ޖެހެއެވެ. މި ރިވިއުއިން ފާސްވުމާ ގުޅިގެން އެމްއެންޔޫގެ ބައިނަލްއަޤްވާމީ އެކްރެޑިޓޭޝަންގެ މުއްދަތު މިހާރު ވަނީ 2028 ވަނަ އަހަރުގެ އޮކްޓޯބަރުގެ ނިޔަލަށް އިތުރުކޮށްފައެވެ.
2023 ވަނަ އަހަރު އެންމެ ފުރަތަމަ އެކްރެޑިޓޭޝަން ލިބުނު ފަހުން، އެމްއެންޔޫއިން ވަނީ ތަޢުލީމީ ފެންވަރު މަތިކުރުމުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. ދުނިޔޭގެ ފެންވަރުގައި ބަލައިގަންނަ މި އެކްރެޑިޓޭޝަން ދެމެހެއްޓުމާއެކު، ރާއްޖެއާއި ރާއްޖެއިން ބޭރުގައި ތަޢުލީމީ ގޮތުން ކުރީ ސަފުގައި ހިމެނޭ މުއައްސަސާއެއްގެ ގޮތުގައި ދެމިއޮތުމަށް އެ ޔުނިވަރސިޓީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

