އައްޑޫ ސިޓީ ހިތަދޫގައި އެންސްޕާ އަދި އާސަންދައިގެ ޚިދުމަތްތައް ފޯރުކޮށްދޭނެ އޮފީހެއް މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ. މިއަދު ހަވީރު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި އޮފީސް ހުޅުވައިދެއްވީ އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވަޒީރު ޑރ. އައިޝަތު ޝިހާމެވެ.
މި އޮފީސް ހުޅުވުމަށްފަހު ވަޒީރު ވިދާޅުވީ، މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން، ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނާ ވީހާވެސް ގާތުން ހިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރެވުނު މުހިންމު ކަމެއް ކަމަށެވެ. މި އޮފީހާއެކު އައްޑޫގެ ރައްޔިތުން އިދާރީ ކަންކަމަށް މާލެއަށް ކުރަންޖެހޭ ދަތުރުތަކަށް ބޮޑު ލުޔެއް ލިބި، އަމިއްލަ ފަސްގަނޑުގައި ތިބެގެން ކަންކަން ނިންމުމުގެ މަގު ތަނަވަސްވާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، “މިއަދު މި ހުޅުވުނު އޮފީހުގެ ސަބަބުން، އިޖުތިމާއީ ރައްކާތެރިކަމުގެ އެހީއަށް އެދުމާއި، ބޭސްފަރުވާގެ ކަންކަމުގައި އާސަންދަ އަދި އެންސްޕާގެ ޚިދުމަތްތައް ހޯދުމުގައި ހުރި ދަތިތަކަށް ދާއިމީ ހައްލެއް ލިބިގެންދިޔުމަށް މަގުފަހިވެގެންދާނެކަން އަޅުގަނޑު އުފަލާއެކު ފާހަގަކުރަން،” ކަމަށެވެ. އަދި މި އޮފީހުގެ ހިދުމަތަކީ ހުވަދު އަތޮޅާއި ފުވައްމުލަކު ސިޓީ ހިމެނޭހެން މުޅި ދެކުނުގެ އަތޮޅުތަކަށް ފުޅާވެގެންދާނެ ހިދުމަތެއް ކަމަށްވެސް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވީ، މި ދެ އޮފީސް ހުޅުވުމަކީ ދެކުނުގެ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެއް ކަމަށެވެ. ހިދުމަތްތައް ޑިޖިޓަލައިޒް ކުރެވެމުންދިޔަ ނަމަވެސް، ބޮޑެތި ސިޓީތަކުގައި މުވައްޒަފުން ތިބެގެން ހިދުމަތް ދިނުމަކީ މުހިންމު ކަމެއް ކަމަށް ހީނާ ވިދާޅުވިއެވެ.
ހީނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މީގެ ކުރިން އެއްވެސް ސަރުކާރަކުން މިފަދަ ކަމަކަށް ވިސްނުން ގެންގުޅުއްވާފައި ނެތް ނަމަވެސް، ރައީސް މުއިއްޒު މިފަދަ އިރުޝާދެއް ދެއްވީ ރައްޔިތުންގެ ހާލު ގާތުން ބެއްލެވުމަށް އެމަނިކުފާނު ދެއްވާ އަހަންމިއްޔަތެއްގެ ބޮޑުކަމުންނެވެ. މި އޮފީހުގެ ސަބަބުން ލިޔެކިޔުންތައް ހުށަހަޅައިގެން ޖަވާބެއް ލިބުމަށް އިންތިޒާރު ކުރަންޖެހޭ ވަގުތު ކުޑަވެ، ރައްޔިތުންގެ ތަކުލީފުތަކަށް ބޮޑު ތަސައްލީއެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.

