އިލެކްޝަންސް ކޮމިޝަނުގެ ގާނޫނީ ޒިންމާ އަދާކުރުމަށް ހުރަސްއެޅޭ ފަދަ ގޮތްގޮތަށް ދޮގު މައުލޫމާތު ނުފެތުރުމަށް އެ ކޮމިޝަނުން މިއަދު އިލްތިމާސް ކޮށްފިއެވެ.
ކޮމިޝަނުން މިފަދައިން އިލްތިމާސްކޮށްފައި މިވަނީ، ސަރުކާރުން ބޭނުންވާ ގޮތަށް ރެފަރެންޑަމް ވޯޓުގެ ނަތީޖާ ނެރުމަށްޓަކައި ގިނަ ރައްޔިތުންތަކެއް ވޯޓުލުމުގެ ހައްގުން މަހުރޫމް ކޮށްފައިވާ ކަމަށް ބުނެ އިދިކޮޅު އެމްޑީޕީގެ އިސް ބޭފުޅުން ތުހުމަތުތަކެއް ކުރައްވަމުންދާ ދަނޑިވަޅެއްގައެވެ. މީގެ އިތުރުން ކުރިއަށް އޮތް އިންތިހާބުގެ ސިއްރުކަން ގެއްލޭ ފަދަ ގޮތަކަށް ކޮމިޝަނުން އަމަލުކުރަން އުޅޭ ކަމުގެ ތުހުމަތުތައް ވެސް ވަނީ ފެންމަތިވެފައެވެ.
މި ތުހުމަތުތަކާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުގެ ނާއިބު ރައީސް އަބްދުއްރަހުމާން ޞަލާޙު ރަޝީދު “އެމްއެމްޓީވީ” އަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، ކޮމިޝަނުން މަސައްކަތް ކުރަމުންދަނީ މިނިވަންކަމާއި މުސްތަގިއްލުކަމާއެކު ކަމަށެވެ. އަދި ކޮމިޝަނުގެ ގާނޫނީ ޒިންމާ އަދާކުރުމަށް ހުރަސްއެޅޭ ގޮތަށް އެއްވެސް ފަރާތަކުން ދޮގު މައުލޫމާތު ނުފެތުރުމަށް އޭނާ އިލްތިމާސް ކުރެއްވިއެވެ.
ނާއިބު ރައީސް އިތުރަށް ވިދާޅުވީ، “ކޮންމެ ރައްޔިތަކުވެސް ބޭނުންފުޅުވާ ކެނޑިޑޭޓުންނާ، އިޙްތިޔާރު ކުރައްވަން ބޭނުންފުޅު ގޮތެއް ކަނޑަ އެޅުމަށްޓަކައި މިނިވަން ކަމާއެކު، ބިރުދެއްކުމެއް ނުފޫޒެއްނެތި ކަރުދާހުގައި ފާހަގަޖަހައި ފޮއްޓައް ވޯޓުލެވޭނެ އިންތިޒާމު ހަމަޖައްސައިދީ އަދި އެބޭފުޅަކު ވޯޓުލީ ތަނެއްގައި އޮޅުވާލުމެއްނެތި އެ ނަތީޖާއެއް ނެރެދޭނެ ކަމުގެ ޔަޤީންކަން އަރުވަން” ކަމަށެވެ.
ކުރިއަށް އޮތް ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގެ އިތުރުން ރައްޔިތުންގެ އާންމު ހިޔާލު ހޯދުމުގެ ވޯޓުގެ ކެމްޕެއިން ހަރަކާތްތައް މިހާރު ދަނީ ކުރިއަށެވެ. މި ހަރަކާތްތަކުގެ ތެރެއިން ރައްޔިތުންނަށް ވޯޓާ ގުޅޭ ސައްހަ މައުލޫމާތު ފޯރުކޮށްދިނުމަށާއި، ސާބިތު ނުހިފޭ ވާހަކަތައް ނުފެތުރުމަށް ކަމާބެހޭ މުއައްސަސާތަކުން އަންނަނީ ތަކުރާރުކޮށް އިލްތިމާސް ކުރަމުންނެވެ.

