ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން، ލ. އަތޮޅުގައި އާރުޓީއެލް (RTL) ފެރީގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ. ލ. ފޮނަދޫގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ޚިދުމަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޡާރިޤު އިބްރާހީމެވެ.
ލ. އަތޮޅުގައި މި ޚިދުމަތް ދިނުމަށްޓަކައި 48 މީހުންގެ ޖާގައިގެ ޒަމާނީ ދެ ލޯންޗު ބޭނުންކުރާނެއެވެ. މި ލޯންޗުތަކަކީ އިންޑިއާ ސަރުކާރުގެ އެހީގައި ބަނދެފައިވާ އުޅަނދުތަކެއް ކަމަށްވާއިރު، މީގެ ތެރެއިން ކޮންމެ ލޯންޗެއްގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަ 4 ޖާގަ ހިމެނެއެވެ. ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު މި ޚިދުމަތް އަތޮޅުގެ ރައްޔިތުންނަށް ލިބިގެންދާނެއެވެ.
އާރުޓީއެލްގެ އުޞޫލުގެ ދަށުން، ޚިދުމަތަށް އަހުލުވެރިކުރުމުގެ ގޮތުން ފުރަތަމަ އެއް ހަފުތާގައި ދަތުރުތައް ކުރާނީ ހިލޭއެވެ. އޭގެ ފަހުން ސަރުކާރުން ސަބްސިޑައިޒް ކުރާ ހެޔޮ އަގެއްގައި ދަތުރުތަކަށް ފީ ނަގަން ފަށާނެއެވެ. މި ޚިދުމަތުގެ ސަބަބުން އަތޮޅުގެ އެކި ރޫޓުތަކާއި އަދި އެހެން އަތޮޅުތަކުގެ ރޫޓުތަކާ ގުޅުވާލެވިގެންދާނެއެވެ.
ޚިދުމަތް ފައްޓަވައިދެއްވުމަށްފަހު މިނިސްޓަރ ޡާރިޤު އިބްރާހީމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެންމެ ބޮޑު އިސްކަމެއް ދެއްވާ އެއް ކަމަކީ ރާއްޖޭގެ ހުރިހާ ރަށެއް ދަތުރުފަތުރުގެ ނިޒާމުން ގުޅުވާލުން ކަމަށެވެ. އަދި މި ޚިދުމަތުގެ ސަބަބުން އިޤްތިޞާދީ ގޮތުންނާއި ލޯކަލް ޓޫރިޒަމްގެ ދާއިރާއިން ބޮޑެތި ކުރިއެރުންތަކެއް ލިބޭނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
“ހުރިހާ ރަށެއް ގުޅުވާލުމުން އިޤްތިޞާދީ ގޮތުން މިއަށްވުރެ ބޮަޑަށް ކުރިއަރައިގެންދާނެ. ފެރީ ސިސްޓަމްތަކަށް ޚާއްސަ ސަމާލު ކަމެއްދީގެން މި ހިންގަނީ.” މިނިސްޓަރ ޡާރިޤު ވިދާޅުވިއެވެ.
2022 ވަނަ އަހަރު ފެށި އާރުޓީއެލްގެ ޚިދުމަތް މިހާރު ރާއްޖޭގެ 15 އަތޮޅެއްގެ 145 ރަށަކަށް ވަނީ ފޯރުކޮށްދީފައެވެ. ސަރުކާރުގެ އަމާޒަކީ މިއަހަރުގެ މެދާ ހަމައަށްދާއިރު، މިހާރު ޚިދުމަތް ނުފެށި ހުރި މ. އަތޮޅާއި ޒޯން 3 ގައި ހިމެނޭ ކ، އއ، އދ އަދި ވ. އަތޮޅު ހިމެނޭހެން މުޅި ރާއްޖެއަށް މި ޚިދުމަތް ފުޅާކޮށް ނިންމުމެވެ.

