ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހުޅުމާލޭގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ 364 ހައުސިން ޔުނިޓުގެ ބިންގާ މިއަދު އަޅައިފިއެވެ. މި މަޝްރޫޢަކީ އާންމުންނަށް އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އެ ބޭންކުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
މި ހައުސިން ޔުނިޓުތައް އިމާރާތްކުރުމުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އެވެ. މި ރަސްމިއްޔާތުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބާއި، ބީއެމްއެލްގެ ޗެއަޕަރސަން އަހުމަދު އަލީ ހަބީބާއި، ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފްގެ އިތުރުން މަޝްރޫޢުގެ ކޮންޓްރެކްޓަރު އަމީން ކޮންސްޓްރަކްޝަންގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި 364 ހައުސިން ޔުނިޓުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ރާއްޖޭގެ ތަޖުރިބާކާރު ކުންފުންޏެއް ކަމަށްވާ އަމީން ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އަށެވެ. މި މަޝްރޫޢުގެ ދަށުން ދެ ޓަވަރު އިމާރާތްކުރާ އިރު، ކޮންމެ އެޕާޓްމަންޓެއްގައި ތިން ކޮޓަރި ހިމެނޭނެއެވެ. އަދި ކޮންމެ ޔުނިޓެއްގެ ބޮޑުމިނަކީ 900 އަކަފޫޓެވެ.
ބީއެމްއެލްގެ ސަބްސިޑިއަރީ ކުންފުނި، "ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ކޮމްޕެނީ" މެދުވެރިކޮށް ޖުމުލަ 3,260 ހައުސިންގ ޔުނިޓް ގާއިމްކުރުމަށް ވަނީ ނިންމާފައެވެ. މި މަޝްރޫޢުގެ މައިގަނޑު މަގުސަދަކީ އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިންގ ސިޔާސަތުގެ ދަށުން ފެންވަރު ރަނގަޅު، އަދި އަގުހެޔޮ ބޯހިޔާވަހިކަން ފޯރުކޮށްދިނުމެވެ. ބޭންކުން ލަފާކުރާ ގޮތުގައި މި ހުރިހާ ޔުނިޓުތަކުގެ މަސައްކަތް 2028 ވަނަ އަހަރުގެ މެދުތެރޭގައި ނިންމާލެވޭނެއެވެ.
މި ބިޔަ މަޝްރޫޢު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ވިލިމާލެއާއި ހުޅުމާލޭގެ ފޭސް 1 އަދި ފޭސް 3 ގައެވެ. އެގޮތުން ވިލިމާލޭގައި 300 ހައުސިން ޔުނިޓް އަދި ހުޅުމާލޭގެ ދެ ފިޔަވަހީގައި ޖުމުލަ 2,960 ހައުސިން ޔުނިޓް އިމާރާތްކުރާނެއެވެ. މި ހުރިހާ ޔުނިޓުތަކުގެ އަމަލީ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.
މި މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށްގެންދަނީ ރާއްޖެއާއި ރާއްޖޭން ބޭރުގެ ކުންފުނިތަކާ ގުޅިގެންނެވެ. އޭގެ ތެރޭގައި ޗައިނާގެ ސީއެމްއީސީ އާއި ބީޔޫސީޖީގެ އިތުރުން، ރާއްޖޭގެ އަމީން ކޮންސްޓްރަކްޝަން، އެފްޑަބްލިއު ކޮންސްޓްރަކްޝަން އަދި އާރުސީސީ ހިމެނެއެވެ.

