ހުޅުމާލޭގައި ބިނާކުރުމަށް ހަމަޖެހިފައިވާ ބޮޑު މިސްކިތް ނުވަތަ ގްރޭންޑް މޮސްކް މަޝްރޫޢަށް ފައިނޭންސްކުރުމުގެ އެއްބަސްވުމުގައި ސައުދީ އަރަބިއްޔާގެ ރާޖިޙީ ކޮންޕެނީއާއެކު ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރެވުނީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިހާރު މަދީނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ މުނާސަބަތާ ގުޅުވައިގެން 13 ސެޕްޓެމްބަރު 2026 ގައެވެ. ހުޅުމާލޭގެ ފޭސް 2 އާއި ފޭސް 3 އާ ދެމެދު ބިނާކުރާ މި މިސްކިތަކީ އެއްފަހަރާ 10,000 މީހުންނަށް ނަމާދުކުރެވޭނެ ވަރުގެ ބޮޑު މިސްކިތެކެވެ.
މި މިސްކިތް ބިނާކުރުމަށް ހަމަޖެހިފައިވަނީ ވަޤުފު ބިނާތަކާއި، ކޮމާޝަލް ބިލްޑިންގް، ޕާކިންގް އަދި ޤުރުއާން މިއުޒިޔަމެއް ހިމެނޭހެން ކޮމްޕްލެކްސްއެއްގެ ގޮތުގައެވެ. މިހާރު މިސްކިތުގެ ކޮންސެޕްޓް ނިމި، ތަފްޞީލީ ޑިޒައިން އެކުލަވައިލުމުގެ މަސައްކަތް ބޭރުގެ ތަޖުރިބާކާރުންގެ އެހީގައި ދަނީ ކުރަމުންނެވެ.
މި މަޝްރޫޢުގެ ޑިޒައިނިންގް މަރުޙަލާއިން ފެށިގެން ހުރިހާ ޚަރަދެއް ފަންޑުކުރަނީ މިސްކިތް ބިނާކޮށްދޭ ސައުދީ ކުންފުނިންނެވެ. އަދި މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ފަންޑުކުރާ ފަރާތުގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއެވެ.

