ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އެފޯޑަބަލް ހައުސިން މަޝްރޫއުގެ ދަށުން އިތުރު 540 ހައުސިން ޔުނިޓް ގާއިމްކުރުމަށް ނިންމާފައިވާކަން އެ ބޭންކުގެ ސީއީއޯ މުހައްމަދު ޝަރީފް އިއުލާނު ކުރައްވައިފިއެވެ. ސީއީއޯ މިކަން ހާމަކުރެއްވީ ސަރުކާރުގެ “ބޯހިޔާވަހިކަން އެންމެންނަށް” ސިޔާސަތުގެ ދަށުން ހުޅުމާލޭގައި އިމާރާތްކުރާ ހައުސިން ޔުނިޓްތަކުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ހުޅުމާލޭގައި އަލަށް ބިންގާ އެޅުނު 364 ހައުސިން ޔުނިޓްގެ ރަސްމިއްޔާތުގައި ޝަރީފް ވިދާޅުވީ، މި މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން، ކޮންމެ ދިވެހި އާއިލާއަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދެއްވުމަށް ފެއްޓެވި ގައުމީ މަސައްކަތެއް ކަމަށެވެ. އަދި މިހާރު ކުރިއަށްދާ ހުރިހާ ޔުނިޓްތަކެއްގެ އަމަލީ މަސައްކަތް ފެށިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ބީއެމްއެލްގެ އަމާޒަކީ 2028 ވަނަ އަހަރުގެ ކުރިން މި މަސައްކަތްތައް ނިންމާލުން ކަމަށް ސީއީއޯ ވިދާޅުވިއެވެ. “އަޅުގަނޑުމެން މިވަނީ އިތުރު 540 ޔުނިޓް ގާއިމްކުރުމަށް ނިންމާފައި. އަޅުގަނޑުމެންގެ އަމާޒަކީ 2028 ވަނަ އަހަރު ނިމުމުގެ ކުރިން މި މަސައްކަތް ނިންމާލެވޭނެ، ގާބިލު ދިވެހި ކުންފުންޏަކާ، ނުވަތަ ކުންފުނިތަކަކާ މި މަސައްކަތް ހަވާލުކުރުން،” ޝަރީފް ވިދާޅުވިއެވެ. މިއާއެކު ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގެ ދަށުން ޖުމްލަ 3800 ޔުނިޓް ތަރައްގީކުރެވޭނެއެވެ.
މީގެ އިތުރުން، އެމްއެމްއޭގެ ގަވާއިދުތަކާ އެއްގޮތަށް މޯލްޑިވްސް އިސްލާމިކް ބޭންކުގެ ކަސްޓަމަރުންނަށްވެސް މި ސްކީމްގެ ދަށުން ހެޔޮ އަގުގައި ފައިނޭންސް ހަމަޖެހޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި އެހެން ބޭންކުތަކުން މި ސްކީމްގައި ބައިވެރިވެއްޖެނަމަ، ޖުމްލަ ޔުނިޓްތަކުގެ އަދަދު 5000 އަށް އިތުރުވެގެންދާނެ ކަމަށް ލަފާކުރެއްވިއެވެ.
މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ބީއެމްއެލްއިން ގަބޫލުކުރެއެވެ. ދެ އަހަރާއި ބައިގެ ތެރޭގައި ގާއިމްކުރާ 3800 ޔުނިޓަށް ގާތްގަނޑަކަށް 5.7 ބިލިޔަން ރުފިޔާ އިންވެސްޓްކުރެވޭނެއެވެ. މި އިންވެސްޓްމަންޓާއެކު އިމާރާތްކުރުމުގެ ދާއިރާއިން ރާއްޖޭގެ ނޮމިނަލް ޖީޑީޕީއަށް 3 އިންސައްތައިގެ ކުރިއެރުމެއް ލިބޭނެ ކަމަށް ސީއީއޯ ޝަރީފް ވިދާޅުވިއެވެ.

