ވެރިކަން ކުރާ ކޮންގްރެސް ޕާޓީ (ޕީއެންސީ) ގެ ފޯރިގަދަ ހަރުގެ ޖަލްސާއެއް މިރޭ ބޭއްވުމަށް އެ ޕާޓީން ނިންމައިފިއެވެ. މި ޖަލްސާ އޮންނާނީ ކޮންގްރެސް ޕާޓީގެ ރަސްމީ ހަރުގެ ކަމަށްވާ ހ. ވެޔޮވިލާގައި މިރޭ 8:45 ގައެވެ.
ކޮންގްރެސް ޕާޓީގެ ޕާލިމަންޓަރީ ގުރޫޕްގެ ލީޑަރު އަދި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބުގައި އެ ޕާޓީގެ ކެމްޕެއިން މެނޭޖަރެއްގެ ގޮތުގައި ހުންނެވި އިބްރާހިމް ފަލާޙް ވިދާޅުވީ، މިރޭ ބާއްވާ ޖަލްސާއަކީ ވަރަށް ފޯރިގަދަ ޖަލްސާއަކަށް ވާނެ ކަމަށެވެ. އެހެންކަމުން މި ޖަލްސާގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް ފަލާޙް ވަނީ އިލްތިމާސް ކުރައްވާފައެވެ.
މިއީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބުގެ ކެމްޕެއިން ފޯރިގަދަވެފައިވާ ދަނޑިވަޅެއްގައި، ކޮންގްރެސް ޕާޓީން ހަރުގޭގައި މި ފަހުން ބާއްވާ ފުރަތަމަ ޖަލްސާއެވެ. މި އިންތިޚާބުތަކަށް ތައްޔާރުވުމުގެ ގޮތުން އެ ޕާޓީން ދަނީ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ.
އަންނަ މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުގައި އެންމެ ގިނަ ކެންޑިޑޭޓުން ނެރެނީވެސް ކޮންގްރެސް ޕާޓީންނެވެ. އެ ޕާޓީން މިހާރު ދަނީ މުޅި ރާއްޖޭގައި ވަރަށް ފޯރިގަދަ ކެމްޕެއިން ހަރަކާތްތަކެއް ކުރިއަށް ގެންދަމުންނެވެ.

