މިދިޔަ މާރިޗު މަހު ރާއްޖެއަށް 161،259 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިއާއެކު މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ އަދަދު ވަނީ 643،218 އަށް އަރާފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 1 އިންސައްތައިގެ ކުރިއެރުމެކެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ޖަނަވަރީ މަހު 227،403 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ފެބުރުވަރީ މަހު 254،556 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. މިދިޔަ އަހަރާ އަޅާބަލާއިރު ޖަނަވަރީ އަދި ފެބުރުވަރީ މަހު ފަތުރުވެރިން އައި އަދަދު އިތުރުވެފައިވީ ނަމަވެސް، މާރިޗު މަހު މި އަދަދު ވަނީ ދަށްވެފައެވެ. މާރިޗު މަހު ފަތުރުވެރިން އައި އަދަދު ދަށްވީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ގިނަ އަދަދެއްގެ ފްލައިޓްތައް ކެންސަލްވުމާ ގުޅިގެން ކަމަށް ވުޒާރާއިން ފާހަގަކުރެއެވެ.
ރާއްޖެއަށް މިހާތަނަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ގައުމުތަކަށް ބަލާއިރު، އެއްވަނައިގައި އޮތީ ޗައިނާ އެވެ. އެ ގައުމުން 94،823 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. ދެވަނައިގައި 79،326 ފަތުރުވެރިންނާއެކު ރަޝިއާ އޮތްއިރު، ތިންވަނައިގައި އޮތީ 61،162 ފަތުރުވެރިންނާއެކު އިނގިރޭސިވިލާތެވެ. މީގެ އިތުރުން އިޓަލީވިލާތުން 57،289 ފަތުރުވެރިން އަދި ޖަރުމަނުވިލާތުން 43،344 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
ފަތުރުވެރިން ރާއްޖޭގައި ޗުއްޓީ ހޭދަކުރި ތަންތަނަށް ބަލާއިރު، އެންމެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓްތަކުގައެވެ. އެއީ ޖުމްލަ ފަތުރުވެރިންގެ 68.8 އިންސައްތައެވެ. އަދި 26.1 އިންސައްތަ ފަތުރުވެރިން ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކޮށްފައިވެއެވެ.
ދަތުރުފަތުރުގެ ވަސީލަތްތަކަށް ބަލާއިރު، ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 636,916 ފަތުރުވެރިން އައިސްފައިވަނީ ވައިގެ މަގުންނެވެ. އަދި ކަނޑުމަގުން 6,302 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.

