ތިމާވެއްޓާ ރައްޓެހި، ސޯލާ ފެރީ ގެނެސް އަޖުމަ ބެލުމުގެ ދަތުރުތައް ވަރަށް އަވަހަށް ފަށާނެކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ. ވަޒީރު މިފަދައިން ވިދާޅުވީ ލ. އަތޮޅުގައި އާރްޓީއެލް ފެރީގެ ޚިދުމަތް ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ވަޒީރު ޠާރިޤް ވިދާޅުވީ ރާއްޖެ ހައިސްޕީޑް ފެރީ ނިޒާމަކުން ގުޅުވާލުމަށް މަސައްކަތް ކުރަމުން އަންނައިރު، މި ޚިދުމަތް ހަރުދަނާގޮތެއްގައި ދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ސަރުކާރުން ކުރައްވަމުން ގެންދަވާ ކަމަށެވެ. މިހާރު ބޭނުންކުރާ ފެރީތަކަކީ ޒަމާނީ ފެންވަރުގެ އުޅަނދުތަކެއް ނަމަވެސް، އެ ތަކެތީގެ ތެލަށް ބޮޑު ހޭދައެއް ކުރަންޖެހޭކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެހެންކަމުން، މި ނިޒާމަކީ ތެޔޮ ވީހާވެސް މަދުން ބޭނުންކުރާ، ހަކަތައިގެ އެފިޝިއަންސީ ރަނގަޅު ނިޒާމަކަށް ހެދުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
“ކުރިއަށް އޮތްތަނުގައި ޓްރާންސްޕޯޓް މިނިސްޓްރީއާއި ލޯންޗް ބަންނަ ފަރާތްތަކުންވެސް މިކަމުގެ އެފިޝިއަންސީއަށް ބަލާނެކަމަށް ޤަބޫލުކުރަން. އެކަންކަން ކުރެވޭނެކަމަށް ޤަބޫލުކުރަން،” ވަޒީރު ވިދާޅުވިއެވެ.
ސޯލާ ފެރީއާ ގުޅޭގޮތުން އިތުރަށް ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ފެރީ ދުއްވޭނެ ގޮތްތައް ބެލުމަށް މިހާރު މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ލަސްތަކެއް ނުވެ ސޯލާ ފެރީ ގެނެސް ރާއްޖޭގެ ބައެއް ހިސާބުތަކުގައި އަޖުމަ ބެލުމުގެ ދަތުރުތައް ފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މި ނިޒާމު ބައްޓަންކުރުމަށް ރޭވިފައިވަނީ ޚާއްސަކޮށް ކައިރި ރަށްރަށަށް ދަތުރުކޮށް ޚިދުމަތް ދެވޭނެ ގޮތަށެވެ.
މި މަޝްރޫޢުގެ ދަށުން ބަންނަ ފެރީއަކީ އިންޑިއާގެ ކުންފުންޏަކުން ބަންނަ 75 މީހުންގެ ޖާގަ ހިމެނޭ އުޅަނދެކެވެ. “އެޕޯލޯ” ގެ ނަމުން ނަންދީފައިވާ މި ފެރީގައި 75 ސޯލާ ޕެނަލް ހަރުކޮށްފައި ހުންނާނެއެވެ. މިއީ ކަނޑު ގަދަ ދުވަސްވަރު، ނުވަތަ ރާޅުގެ އުސްމިން 4 މީޓަރަށް ހުންނަ ހާލަތްތަކުގައިވެސް ދުއްވޭ ގޮތަށް ފަރުމާކޮށްފައިވާ އުޅަނދެކެވެ. މި ފެރީގެ ދުވެލި ހުންނާނީ ގަޑިއަކު 8 ނޯޓިކަލް މޭލުގައެވެ.
ޓެކްނިކަލް ތަފްސީލަށް ބަލާއިރު، މި އުޅަނދުގައި 50 ކިލޯވޮޓުގެ ދެ ބެޓަރީ ޕެކާއި 40 ކިލޯވޮޓްގެ ދެ އިންބޯޑް އިލެކްޓްރިކް މޯޓަރު ހިމެނެއެވެ. އުޅަނދުގެ މަތީގައި ހަރުކޮށްފައިވާ 25 ކިލޯވޮޓުގެ ސޯލާ ޕެނަލް ސިސްޓަމުން ބެޓެރިތައް ޗާޖުކޮށްދޭނެއެވެ. މީގެ އިތުރުން، މި އުޅަނދުގައި ހިމެނޭ އިލެކްޓްރިކް ސްޓިއަރިން ސިސްޓަމްގެ ސަބަބުން މަރާމާތަށް ކުރަންޖެހޭ ހޭދަވެސް ކުޑަވެގެންދާނެއެވެ.

