ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން އުފައްދާ ތަކެތި މާކެޓްކޮށް، އެފަރާތްތަކުގެ ހުނަރާއި އުފެއްދުންތެރިކަން ރަމްޒުކޮށްދޭ ބްރޭންޑް އައިޑެންޓިޓީއެއްގެ ގޮތުގައި “ޝާމިލް ލޯގޯ” ދޫކުރަން ފަށައިފިއެވެ. މިއީ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ގުޅިގެން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް މުޖުތަމަޢުގައި ޝާމިލުކޮށް ބާރުވެރިކުރުވުމަށް ތަޢާރަފުކުރި ޤައުމީ ނިޝާނެކެވެ.
މި ލޯގޯ ބޭނުންކުރުމުގެ މައިގަނޑު މަޤްޞަދަކީ އުފެއްދުންތައް ގަންނަ ފަރާތްތަކަށް އެއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތެއްގެ އުފެއްދުމެއްކަން އެނގި، އެފަދަ ފަރާތްތަކުގެ ވިޔަފާރިއަށް އެހީތެރިވުމުގެ ފުރުޞަޠު ޢާންމުންނަށް ހުޅުވާލުމެވެ. މީގެ ސަބަބުން އެފަރާތްތަކަށް އިޤްޞާދީ ފައިދާ ލިބި، އުފެއްދުންތެރިކަން އިތުރުކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.
ލޯގޯ ބޭނުންކުރުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތަކުގެ ތެރޭގައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދަފްތަރުގައި ހިމެނުމާއި، އުފެއްދުމަކީ އަމިއްލަ މަސައްކަތުން ތައްޔާރުކޮށްފައިވާ އެއްޗަކަށްވުން ހިމެނެއެވެ. އަދި ކާބޯތަކެތީގެ ބާވަތެއްނަމަ ކަމާބެހޭ އިދާރާތަކުގެ ހުއްދަ އޮންނަންޖެހޭނެއެވެ.
ރައީސުލްޖުމްހޫރިއްޔާ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. އައިޝަތު ޝިހާމް ވިދާޅުވީ، އިޤްތިޞާދީ ބާރުވެރިކަމުގެ ތެރެއިން މިފަދަ ލޯގޯއެއް ޖަހާފައި ހުރުމުން، އެއީ ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތެއްގެ އުފެއްދުމެއްކަން ކަސްޓަމަރުންނަށް އެނގޭނެ ކަމަށެވެ. މީގެ ސަބަބުން އެތަކެތި ގަންނަ މިންވަރު އިތުރުވާނެކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ މި މަސައްކަތް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. “މިހާރު އެއަރޕޯޓާއި މިތަން ތަނުން އަޅުގަނޑުމެންނަށް ކުރިއެރުމެއް ވަނީ ލިބިފައި. އަޅުގަނޑުމެން އޭގެ މަޝްވަރާތަކެއްވެސް އެބަކުރެވޭ ޝާމިލް ލޯގޯ ޖެހިފައި ހުރި ވަރަށް ރީތި އަތްތެރި މަސައްކަތް ބައިނަލްއަޤްވާމީ މައިދާނަށްވެސް ގެންދެވޭތޯ،” ވަޒީރު ވިދާޅުވިއެވެ.
ޝާމިލް ލޯގޯގެ އެޕްލިކޭޝަން ފޯމު ބީސީސީގެ ވެބްސައިޓު bcc.mv އިން ޑައުންލޯޑް ކުރެއްވޭނެއެވެ. ފޯމު ފުރުމަށްފަހު shamil@bcc.mv އަށް އީމެއިލް ކުރުމުން އެޕްލިކޭޝަން ޕްރޮސެސް ކުރެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފައެވެ.

