ބ. ދަރަވަންދޫ އެއާޕޯޓުގެ ޓާމިނަލްގެ ޖާގަ ބޮޑުކުރުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ. މި މަސައްކަތް ފައްޓަވައިދެއްވީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީންއެވެ.
މި ރަސްމިއްޔާތުގެ ތެރެއިން ދަރަވަންދޫ އެއާޕޯޓު ހިންގުން ރަސްމީކޮށް އައިލެންޑް އޭވިއޭޝަން ސަރވިސަސްއާ ވަނީ ޙަވާލުކޮށްފައެވެ.
މި މަޝްރޫޢުގެ ދަށުން އެއާޕޯޓުގެ ޓާމިނަލަށް 814 އަކަމީޓަރުގެ ޖާގައެއް އިތުރުކުރެވޭނެއެވެ. މީގެ ތެރޭގައި އެރައިވަލް ހޯލް ބޮޑުކުރުމާއި، ޗެކިން އަދި އެރައިވަލް ބެލްޓް އިތުރުކުރުމުގެ އިތުރުން، ޑިޕާޗަރ ހޯލުގައި ކެފޭއަކާއި އިތުރު ގޭޓެއް ގާއިމުކުރުން ހިމެނެއެވެ. އާ ޓާމިނަލް ފަރުމާކޮށްފައިވަނީ ރާއްޖޭގެ ކަނޑުއަޑީގެ ރީތި މަންޒަރުތައް ދައްކުވައިދޭ ޒަމާނީ ފަރުމާއަކަށެވެ.
އާ ޓާމިނަލް ނިމުމުން އެއްފަހަރާ 175 ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެއެވެ. އަދި 75 މީހުންގެ ޖާގަ ހިމެނޭ ލައުންޖަކާއި، ބޭބީ ކެއަރ ފެސިލިޓީއެއްގެ އިތުރުން ތިން ފްލައިޓަށް އެއްވަގުތެއްގައި ޚިދުމަތް ދިނުމުގެ ޤާބިލުކަން ލިބިގެންދާނެއެވެ. މިއީ ދަރަވަންދޫ އެއާޕޯޓުގެ ޚިދުމަތްތައް ފުޅާކޮށް، ފަތުރުވެރިކަމަށް އިތުރު ކުރިއެރުން ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅެކެވެ.
ދަރަވަންދޫ އެއާޕޯޓަކީ 2012 ވަނަ އަހަރުން ފެށިގެން ޚިދުމަތް ދެމުން އަންނަ، ދުވާލަކު އެވްރެޖްކޮށް 8 ފްލައިޓް އޮޕަރޭޓް ކުރާ ބާރުބޮޑު އެއާޕޯޓެކެވެ. މިހާތަނަށް 1.8 މިލިއަން ފަސިންޖަރުން މި އެއާޕޯޓުގެ ޚިދުމަތް ހޯދާފައިވާއިރު، މި ތަރައްޤީގެ ސަބަބުން ބ. އަތޮޅުގެ އިޤްތިޞާދަށާއި ފަތުރުވެރިކަމަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ސަރުކާރުން ބުނެއެވެ.

