ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޚިދުމަތްތައް ފުޅާކުރުމުގެ ގޮތުން އަލަށް ގާއިމްކުރި 6 ބްރާންޗަކާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބެހެއްޓި ޑޮލަރު އޭޓީއެމްތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ރަސްމީކޮށް އިފްތިތާޙްކޮށްދެއްވައިފިއެވެ.
މިއީ ރާއްޖޭގެ ހުރިހާ ރަށަކަށް އަސާސީ ބޭންކިންގް ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރިއަށްގެންދިޔަ މުހިންމު މަޝްރޫޢެކެވެ.
ބީއެމްއެލްއިން އަލަށް ބްރާންޗުތައް ހުޅުވާފައިވަނީ ހދ. ހަނިމާދޫ، ހދ. ކުޅުދުއްފުށި، އއ. ތޮއްޑޫ، ތ. ވިލުފުށި، ލ. ހިތަދޫ އަދި ސ. ހުޅުދޫ ގައެވެ. މީގެ ތެރެއިން ކުޅުދުއްފުށީގައި ހުޅުވާފައިވަނީ ވިޔަފާރިތަކަށް ޚާއްސަ ބިޒްނަސް ސެންޓަރެކެވެ. މި މަޝްރޫޢުގެ ދަށުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޖުމްލަ 90 އޭޓީއެމް ބަހައްޓާފައިވާއިރު، އޭގެ ތެރޭގައި 70 ޑޮލަރު އޭޓީއެމް ހިމެނެއެވެ.
ސަރުކާރުގެ އަމާޒަކީ އަރބަން ސެންޓަރުތަކާއި، ސިޓީތަކުގެ އިތުރުން ލޯކަލް ޓޫރިޒަމް ފުޅާވަމުން އަންނަ ރަށްރަށަށް ބޭންކިންގް ޚިދުމަތް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމް ހަމަޖެއްސުމެވެ. މި ބަދަލާއެކު މިހާރު ރާއްޖޭގެ މީހުން ދިރިއުޅޭ 187 ރަށެއްގައި ޖުމްލަ 340 އޭޓީއެމް ވަނީ ގާއިމްކުރެވިފައެވެ.
ބޭންކުގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވި ގޮތުގައި، މި ބްރާންޗުތަކުގެ މުވައްޒަފުންގެ މައިގަނޑު މަސައްކަތަކީ ކަސްޓަމަރުންނާ ގާތުން ޚިދުމަތް ދިނުމެވެ. އެގޮތުން ގޭގެއަށާއި ވިޔަފާރިތަކަށް ޒިޔާރަތްކުރުމާއި، ބޭންކިންގް އުފެއްދުންތަކުގެ މައުލޫމާތު ދިނުމުގެ އިތުރުން، ސްކޭމްތަކުން ރައްކާތެރިވުމަށް ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތް ކުރާނެއެވެ.
"ބޭންކުގެ ޚިދުމަތްތައް ޑިޖިޓަލްވަމުން ދިޔަ ނަމަވެސް، ކަސްޓަމަރުންނާ އޮންނަ އިންސާނީ ގުޅުން ދެމެހެއްޓުމަކީ ބޭންކުގެ މުހިންމު މަގްސަދެއް،" ސީއީއޯ ޝަރީފް ވިދާޅުވިއެވެ.
މުޅި ރާއްޖޭގައި އޭޓީއެމް ބެހެއްޓުމުގެ މި ބޮޑު މަޝްރޫޢު ބީއެމްއެލްއިން ނިންމާލާފައިވަނީ އެންމެ 9 މަސް ދުވަހުގެ ތެރޭގައެވެ. ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ބީއެމްއެލްގެ އޭޓީއެމް ނެޓްވޯކަކީ ރައްޔިތުން ވަރަށް ބޮޑަށް ބޭނުންކުރާ، އަދި ބޮޑެތި އަދަދުތަކުން މުއާމަލާތް ހިންގާ މުހިންމު ވަސީލަތެކެވެ.

