ދިވެހި ސަރުކާރުގެ އެދުމުގެ މަތިން، ރާއްޖެއަށް ބޭނުންވާ އަސާސީ ކާބޯތަކެއްޗާއި އިމާރާތްކުރުމަށް ބޭނުންވާ ތަކެތި އާންމުކޮށް އެކްސްޕޯޓްކުރާ މިންވަރަށްވުރެ އިތުރަށް ފޯރުކޮށްދިނުމަށް އިންޑިއާ ސަރުކާރުން ވަނީ ނިންމާފައެވެ. މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ ދަށުން ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ މުދާ ފޯރުކޮށްދިނުމަށް ނިންމި ނިންމުމެކެވެ.
ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ހާމަކުރި ގޮތުގައި، މިގޮތަށް އިތުރުކުރި މުދަލުގެ ތެރޭގައި ބިސް، އަލުވި، ފިޔާ، ހަނޑޫ، ފުށް، ހަކުރު، އަދި މުގު ހިމެނެއެވެ. މީގެ އިތުރުން، ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާއަށް ބޭނުންވާ ހިލައާއި ހިލަވެލި ވެސް އާންމުކޮށް އެކްސްޕޯޓްކުރާ މިންވަރަށްވުރެ އިތުރަށް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
އިންޑިއާ ހައިކޮމިޝަނުން ފާހަގަކުރި ގޮތުގައި، މިއީ 1981 ވަނަ އަހަރު ދެގައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން މިހާތަނަށް އެންމެ ގިނަ އަދަދަކަށް މުދާ އެކްސްޕޯޓްކުރަން ހުއްދަދިން ފަހަރެވެ. ރާއްޖެއިން އެދިފައިވާ މިންވަރަށް މިހުރިހާ ބާވަތެއްވެސް ފޯރުކޮށްދިނުމަށް އިންޑިއާ ސަރުކާރުން ވަނީ ނިންމާފައެވެ.
އިންޑިއާގެ “ނެއިބަރހުޑް ފަސްޓް ޕޮލިސީ” ގެ ދަށުން ރާއްޖެއަށް ދޭ އިސްކަން ހާމަކުރައްވަމުން، އެ ގައުމުން އެހެން ގައުމުތަކަށް މުދާ އެކްސްޕޯޓްކުރުން ހުއްޓާލާ ހާލަތްތަކުގައިވެސް ރާއްޖެއަށް ބޭނުންވާ އަސާސީ މުދާ މެދުކެނޑުމެއްނެތި ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން އިންޑިއާ ސަރުކާރުން ވަނީ ދީފައެވެ.
މީގެ އިތުރުން، ރާއްޖޭގެ ތަރައްގީއަށް ކުރާ މަސައްކަތްތަކުގައި އިންޑިއާއިން އަބަދުވެސް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށާއި، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށްވެސް އިންޑިއާ ހައިކޮމިޝަނުން ނެރުއްވި ބަޔާނުގައި ބުނެފައިވެއެވެ.

