ހޮނިހިރު ދުވަހުގެ އިންތިޚާބުތަކަށް ރައްޔިތުން ހޭލުންތެރިކުރުވުމުގެ މަސައްކަތް ނިމިއްޖެ: އީސީ
ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު އެއް އިންތިޚާބީ ހަރަކާތް އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ތައްޔާރުވަމުންދާއިރު، އެ ދުވަހު އޮންނަ ތިން އިންތިޚާބަށް ރައްޔިތުން ހޭލުންތެރިކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވެއްޖެއެވެ. އިލެކްޝަންސް ކޮމިޝަނުގެ ރައީސް މިހެން ވިދާޅުވީ އިންތިޚާބުތަކާ ގުޅޭގޮތުން ބޭއްވި ޤައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުމުގައެވެ.
ހޮނިހިރު ދުވަހު ރާއްޖޭގައި މުހިންމު ތިން ވޯޓެއް ކުރިއަށްދާނެއެވެ. އެއީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު، އަދި ބޮޑު ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ޤާނޫނުއަސާސީއަށް ގެންނަ އިސްލާހަށް ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނަގާ ވޯޓެވެ. މިއީ ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު އިންތިޚާބީ ހަރަކާތަށްވުމުން، ޓީވީއާއި ރޭޑިއޯގެ އިތުރުން ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން ރައްޔިތުންނަށް މަޢުލޫމާތު ފޯރުކޮށްދީފައިވާ ކަމަށް ޒާހިދު ވިދާޅުވިއެވެ.
އިންތިޚާބުގެ ތައްޔާރީތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޒާހިދު ވިދާޅުވީ، "ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވޯޓު ކަރުދާސް އޮންނާނެ ގޮތުގެ ބުކްލެޓާއި، ޤާނޫނުއަސާސީއަށް ގެންނަ އިސްލާހުގެ ސުވާލު އޮންނާނެ ގޮތުގެ މަޢުލޫމާތު މިހާރު ވަނީ ފޯރުކޮށްދެވިފައި" ކަމަށެވެ. އަދި މި އިންތިޚާބުތަކުގައި ޖުމްލަ 6,587 އޮފިޝަލުން ހަރަކާތްތެރިވާނެ ކަމަށާއި، އެ ފަރާތްތަކަށް ބޭނުންވާ ތަމްރީނުތައް އޮންލައިންކޮށްނާއި ބައްދަލުވުންތަކުގެ ޒަރިއްޔާއިން ދީފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އިންތިޚާބުގެ ސަލާމަތީ ކަންކަމާއި އޮބްޒަވޭޝަނާ ގުޅޭގޮތުން ވާހަކަދައްކަވަމުން، ރާއްޖެއާއި ރާއްޖެއިން ބޭރުގެ އޮބްޒާވަރުންނާއި މޮނިޓަރުން ހަރަކާތްތެރިވާނެކަން ކޮމިޝަނުން ފާހަގަކުރިއެވެ. އަދި އިންތިޚާބުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުންނާ ގުޅިގެން ޚާއްސަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށާއި، ފުލުހުންނަށް ބޭނުންވާ އިރުޝާދުތައް ދިނުމަށް ޚާއްސަ ސެޝަންތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށްވެސް ޒާހިދު ވިދާޅުވިއެވެ.
މި އިންތިޚާބުތަކުގައި ވޯޓުލުމުގެ ޙައްޤު ޖުމްލަ 294,876 މީހުންނަށް ލިބިފައިވެއެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޖުމްލަ 588 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. އިލެކްޝަންސް ކޮމިޝަނުން މިހާރު ދަނީ އިންތިޚާބުގެ އެންމެ ފަހުގެ ތައްޔާރީތައް ނިންމައި، ވޯޓުލުމުގެ ކަންކަން އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުންނެވެ.

