ކުޅުދުއްފުށި ސިޓީގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ 2000 ހައުސިންގ ޔުނިޓުގެ ބޮޑު މަޝްރޫޢުގެ ބިންގާ މިއަދު އަޅައިފިއެވެ. މި މަޝްރޫޢުގެ ބިންގާ އެޅުމަށް ކުޅުދުއްފުށީގައި ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ.
މި ރަސްމިއްޔާތުގައި މަޝްރޫޢުގެ ބިންގާ އަޅުއްވައިދެއްވީ، އިމާރާތް ކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބާއި، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމްގެ އިތުރުން ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރ ޢަލީ ޒުހައިރުއެވެ. މީގެ އިތުރުން ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު ފަރުޙަތު މުޙައްމަދާއި، އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ދާޢޫދު އަދި ޓީމް ވަން އިންޑިއާ ޕްރައިވެޓް ލިމިޓެޑުގެ ޑިޒައިން ޑިރެކްޓަރ ބަޝީރު އަޙްމަދު އުރަފާވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
ކޮންޓްރެކްޓަރ ފައިނޭންސްގެ އުސޫލުން ކުރިއަށްގެންދާ މި މަޝްރޫޢު ހަވާލުކޮށްފައިވަނީ، ޑިޒައިނިންގ އަދި އިންޖިނިއަރިންގ ދާއިރާގައި 30 އަހަރުގެ ތަޖުރިބާ ހުރި އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ޓީމް ވަން އިންޑިއާ ޕްރައިވެޓް ލިމިޓެޑާއެވެ. މި މަޝްރޫޢުގެ ދަށުން 14 ބުރީގެ 13 ޓަވަރު އިމާރާތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ޢަލީ ޒުހައިރު ވިދާޅުވީ، މިއީ ކުޅުދުއްފުށީގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެއް ކަމަށެވެ. “މިއީ ބޯހިޔާވަހިކަން މިިލްކު ކުރުމަށް ކުޅުދުއްފުށި ރައްޔިތުން ކުރަމުން އައި އުންމީދު ޙަޤީޤަތަކަށް ވާ ދުވަސް،” ޒުހައިރު ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރާ 3 ކޮޓަރީގެ އެޕާޓްމެންޓުތަކަކީ 900 އަކަފޫޓުގެ ޖާގަ ތަނަވަސް، ޒަމާނީ ވަސީލަތްތަކާއެކު ފަރުމާކުރެވިފައިވާ ތަންތަނެވެ. މީގެ ތެރޭގައި މިކްސް ރެސިޑެންޝަލް އިމާރާތްތަކުގައި ހިމެނޭ 1856 ފްލެޓާއި، އަމިއްލަ ގެދޮރު ތަރައްޤީ ކުރުމުގެ މަސައްކަތްވެސް ހިމެނޭނެ ކަމަށް މައުލޫމާތު ލިބެއެވެ.
ކުޅުދުއްފުށީގައި 400 ހައުސިންގ ޔުނިޓު ތަރައްޤީ ކުރުމުގެ މަސައްކަތް 2023 ވަނަ އަހަރުގެ މެއި މަހު ފެށި ނަމަވެސް، އެ މަސައްކަތް ވަނީ ވަކި ހިސާބަކުން ހުއްޓިފައެވެ. ނަމަވެސް މިދިޔަ އަހަރު މި މަސައްކަތް އެޗްޑީސީއާ ހަވާލުކޮށް، މިހާރު ވަނީ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެފައެވެ. މިއީ ކުޅުދުއްފުށީގެ ތާރީޚުގައިވެސް ބޯހިޔާވަހިކަމަށް ހިންގޭ އެންމެ ބޮޑު މަޝްރޫޢު ކަމަށް ސަރުކާރުން ފާހަގަކުރެއެވެ.

