އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލް، ވާދަވެރިންނަށް ވަރަށްވެސް ހޫނު އެހާމެ ފުރިހަމަ ޖަވާބެއް ދެއްވައިފިއެވެ. ރޭ ޕީއެންސީ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މޫސާ ޖަލީލް ވިދާޅުވީ އޭނާއަކީ “ކަންނުވެ ނަންވީ” ބޭފުޅެއް ނޫން ކަމަށާއި، ކުރިއަށް އޮތީ މާލެ ސިޓީގެ ރައްޔިތުންނަށް އުފާވެރި ދުވަސްތަކެއް ކަމަށެވެ.
މޫސާ ޖަލީލް ވަނީ އޭނާ މާލެއަށް ކޮށްދެއްވާފައިވާ ތާރީޚީ ޚިދުމަތްތަކަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން 1984 ވަނަ އަހަރު މާލޭގެ މަގުތައް ހެދުމަށް ބޭނުންވި އަކިރި އާއި ގާ ބަސްތާތައް އަމަލީގޮތުން އުފުއްލެވި ކަމަށާއި، 1987 ގެ ބޮޑު ރާޅުގެ ކާރިސާގައި ރައްޔިތުންނަށް އެހީތެރިވުމުގައި އިސްކޮށް އުޅުއްވިކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން 1988 ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާއިން ގައުމު ދިފާއުކުރުމުގައި މޭ އައްޑަނައަކަށް ދިއްކޮށްލެއްވި ކަމަށް އޭނާ ވިދާޅުވިއެވެ.
“އަޅުގަނޑަކީ އެއްވެސް އިރެއްގައި ޚިދުމަތުގެ ހަވާސާގައި ހުރި މީހަކީމެއް ނޫން. އަޅުގަނޑުގެ މިޒާޖަކީ މުރާލިކަން. ގައުމާއި ރައްޔިތުން އިސްކުރުން. ފަހަރެއްގައި ވެސް، އަޅުގަނޑަކީ ކަންނުވެ ނަންވީ މީހެއް ނޫން،” ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެސް ބައިވެރިވެވަޑައިގެންނެވި މި ޖަލްސާގައި މޫސާ ޖަލީލް ވިދާޅުވިއެވެ.
މާލެ ސިޓީގެ މުސްތަގުބަލާ ގުޅޭގޮތުން ވާހަކަދައްކަވަމުން މޫސާ ޖަލީލް ވިދާޅުވީ، ސަރުކާރުގެ ބޮޑު މާސްޓާ ޕްލޭނެއްގެ ދަށުން މާލެ، ވިލިމާލެ، ގުޅީފަޅު، ގިރާވަރުފަޅު އަދި ރަސްމާލެ ހިމެނޭހެން ބިންވެރިކަމުގެ އާ ޒަމާނެއް ފެށިގެންދާނެ ކަމަށެވެ. އަދި މާލެއަށް ދިމާވެފައިވާ މަގުތަކުގެ މައްސަލައާއި ޕާކިންގެ ދަތިކަން ހައްލުކުރުމަށް އިންތިހާބުވާ ފުރަތަމަ ހަފްތާގެ ތެރޭގައި ސަރުކާރާއެކު އަމަލީ މަސައްކަތް ފައްޓަވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.
މާލޭގެ ޕާކުތަކާއި ފެހިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، މީގެ ކުރިން ފެށި “ޗާލު މާލެ” ކޮންސެޕްޓުގެ ދަށުން ހެދި ޕާކުތައް މިހާރު ވަނީ ކައުންސިލުން ޒިންމާ އަދާނުކުރުމުގެ ސަބަބުން ވީރާނާވެފައި ކަމަށެވެ. މޫސާ ޖަލީލް ވިދާޅުވީ އޭނާގެ މޭޔަރުކަމުގައި މާލެއަކީ އަލުން ފެހި އަދި ރީތި ތަނަކަށް ހައްދަވާނެ ކަމަށެވެ.

