ކޮލެސްޓްރޯލަކީ ލޭގައި ހުންނަ ސަރުބީގެ ބާވަތެކެވެ. މިއީ ހަށިގަނޑުގެ ސެލްތައް އުފެއްދުމަށާއި ބައެއް ކަހަލަ ހޯރމޯންތައް އުފެއްދުމުގައި މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. ނަމަވެސް، ލޭގައި ކޮލެސްޓްރޯލް ހުންނަންޖެހޭ މިންވަރަށްވުރެ އިތުރުވުމަކީ ސިއްހީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެދާނެ ކަމެކެވެ. ހާއްސަކޮށް ހިތުގެ ބަލިތައް ޖެހުމަށް މިއީ މަގުފަހިވާ ކަމެކެވެ.
ދިރިއުޅުމުގެ އާދަކާދަތަކާއި، ސިއްހަތަށް ފައިދާނުކުރާ ކާނާ ކެއުމާއި، އަދި ހަށިގަނޑަށް ބޭނުންވާ ކަސްރަތު ނުލިބުމުގެ ސަބަބުން ކޮލެސްޓްރޯލް މަތިވުމަކީ ވަރަށް ފަސޭހައިން ދިމާވެދާނެ މައްސަލައެކެވެ.
އެހެންކަމުން ކޮލެސްޓްރޯލާ ބެހޭ މައުލޫމާތު ދެނެގަނެ، ގޭގައި ކުރެވިދާނެ ފަސޭހަ ކަންތައްތަކާއި ދިރިއުޅުމުގެ އާދަކާދައަށް ގެނެވޭ ބަދަލުތަކުން ކޮލެސްޓްރޯލް ކޮންޓްރޯލްކުރުމަކީ ހިތުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް އެހީތެރިވެދޭނެ ކަމެކެވެ.
ކޮލެސްޓްރޯލް ދެނެގަތުން
ލޭގެ ތެރޭގައި ކޮލެސްޓްރޯލް ދައުރުވަނީ މައިގަނޑު ދެ ބާވަތެއްގެ ލިޕޯޕްރޮޓީން މެދުވެރިކޮށެވެ. އެއީ ލޯ-ޑެންސިޓީ ލިޕޯޕްރޮޓީން (LDL) އަދި ހައި-ޑެންސިޓީ ލިޕޯޕްރޮޓީން އެވެ. (LDL) އެލްޑީއެލް އަށް އާންމުކޮށް ކިޔައިއުޅެނީ “ނުރަނގަޅު ކޮލެސްޓްރޯލް” އެވެ. ސަބަބަކީ މިއީ ލޭހިނގާ ހޮޅިތަކުގެ ފާރުގައި ހަރުލައި، ލޭ ދައުރުވުމަށް ހުރަސްއަޅާތީއެވެ. މީގެ ސަބަބުން ހާޓް އެޓޭކް ޖެހުމާއި ސްޓްރޯކް ޖެހުމުގެ ފުރުސަތު ބޮޑުވެއެވެ. އެޗްޑީއެލް HDL އަށް ކިޔަނީ “ރަނގަޅު ކޮލެސްޓްރޯލް” އެވެ. ސަބަބަކީ މިއީ ލޭގެ ތެރޭގައި ހުންނަ އިތުރު ކޮލެސްޓްރޯލްތައް ނައްތާލުމަށްޓަކައި ފުރަމޭއަށް ގެންގޮސްދޭ އެއްޗަކަށް ވާތީއެވެ. އާންމު ސިއްހަތު ސަލާމަތުން ބެހެއްޓުމަށްޓަކައި މި ދެ ބާވަތުގެ މެދުގައި ހަމަހަމަކަން ހުރުން މުހިންމެވެ.
މެދުވެރިވާ ސަބަބުތަކާއި ނުރައްކާތައް
ކޮލެސްޓްރޯލް މަތިވަނީ ދިރިއުޅުމުގެ އާދަކާދަތަކާއި ވާރުތަވާ ސަބަބުތަކާ ގުޅިގެންނެވެ. މީގައި ކާނާގެ ދައުރު ވަރަށް ބޮޑެވެ. ސަރުބީ ގިނަ ކާނާއާއި، ޓްރާންސް ފެޓްސް އަދި ހަކުރު ގިނަ ކާނާ ކެއުމުން އެލްޑީއެލް މަތިވެއެވެ. ކަސްރަތު ނުކުރުމުގެ ސަބަބުން އެޗްޑީއެލް ދަށްވެ، މައްސަލަ އިތުރަށް ގޯސްވެއެވެ. މީގެ އިތުރުން ބަރުދަން އިތުރުވުމާއި، ދުންފަތުގެ އިސްތިއުމާލުކުރުމާއި، އަދި ނަފްސާނީ ބޮޑެތި ފިއްތުންތަކަކީ ވެސް މީގެ ނުރައްކާ ބޮޑުކުރާ ކަންކަމެވެ. ބައެއް ހާލަތްތަކުގައި މިއީ އާއިލީ ގޮތުން ވާރުތަވާ ކަމަކަށް ވާތީ، ގަވާއިދުން ޗެކްކުރުމަކީ މުހިންމު ކަމެކެވެ.
ކޮލެސްޓްރޯލް ދަށްކުރުމަށް ގުދުރަތީ ގޮތުން ކުރެވިދާނެ ކަންތައްތައް
ގުދުރަތީ ގޮތުން ކޮލެސްޓްރޯލް ކޮންޓްރޯލްކުރުން ފެށެނީ ކާބޯތަކެތީގެ އާދަކާދައަށް ގެނެވޭ ބަދަލުތަކުންނެވެ. ފައިބަރު ގިނަ ކާނާ ކަމަށްވާ އޯޓްސް، މޭވާ، ތަރުކާރީ ކެއުމުގައި ހިމެނުމުން ލޭގެ ތެރެއަށް ކޮލެސްޓްރޯލް ދަމާ މިންވަރު މަދުކޮށްދެއެވެ. ހާއްސަކޮށް ސޮލިއުބަލް ފައިބަރ ކޮލެސްޓްރޯލާ އެކުވެ، ހަށިގަނޑުން އެ ބޭރުކުރުމަށް އެހީތެރިވެދެއެވެ. ސިއްހަތަށް ގެއްލުންދޭ ސަރުބީގެ ބަދަލުގައި ފައިދާހުރި ސަރުބީ ބޭނުންކުރަންވާނެއެވެ. މިސާލަކަށް، މިންވަރަކަށް ޒައިތޫނި ތެޔޮ ބޭނުންކުރުމާއި، އެކި ބާވަތުގެ ބަދަން އަދި އޮށް ކެއުމުން ކޮލެސްޓްރޯލްގެ މިންވަރު ހަމަހަމަކޮށްދެއެވެ.
ލޮނުމެދަކީ ހިތުގެ ރައްކާތެރިކަމަށް މަޝްހޫރު އިތުބާރު ހުރި ބާވަތެކެވެ. ގަވާއިދުން ތާޒާ ލޮނުމެދު ބޭނުންކުރުމަކީ އެލްޑީއެލް ދަށްކޮށްދީ ލޭގެ ދައުރުވުން ރަނގަޅުކޮށްދޭ ކަމެކެވެ. ހަމައެފަދައިން، ގްރީން ޓީގައި ހުންނަ އެންޓިއޮކްސިޑެންޓްތަކަކީ ހިތުގެ ދުޅަހެޔޮކަމަށް އެހީތެރިވެދީ ނުރަނގަޅު ކޮލެސްޓްރޯލް މަދުކޮށްދޭ އެއްޗެކެވެ. ދުވާލަކު ތައްޓެއް ނުވަތަ ދެ ތަށި ގްރީން ޓީ ބުއިމަކީ ކޮލެސްޓްރޯލް ކޮންޓްރޯލްކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.
ހަށިގަނޑު ހަރަކާތްތެރިކޮށް ބެހެއްޓުމަކީ ވެސް ކޮންމެހެން ބޭނުންތެރި ކަމެކެވެ. ހިނގުން، ބައިސްކަލް ދުއްވުން ނުވަތަ ކުޑަކޮށް ދުވުން ފަދަ ގަވާއިދުން ކުރާ ކަސްރަތުތަކުގެ ސަބަބުން އެޗްޑީއެލް މަތިވެ، އެލްޑީއެލް ދަށްވެއެވެ. ދުވާލަކު ކުޑަ ވަގުތުކޮޅަކު ހަރަކާތްތެރިވެ އުޅުމަކީ ވެސް ރަނގަޅު ބަދަލެކެވެ. މީގެ އިތުރުން، ހަށިގަނޑުގެ ބަރުދަން އެކަށީގެންވާ މިންވަރެއްގައި ބެހެއްޓުމަކީ މުހިންމު ކަމެކެވެ. ސަބަބަކީ ބަރުދަން އިތުރުވުމަކީ ކޮލެސްޓްރޯލް މަތިވުމާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމަކަށް ވާތީއެވެ.
ޕްރޮސެސްކޮށްފައިވާ ކާނާއާއި، ތެލުލި ތަކެއްޗާއި، އަދި ހަކުރު ގިނަ ފޮނިކާތަކެތި ކެއުން މަދުކުރުމަކީ ކޮލެސްޓްރޯލްގެ މިންވަރު ވަރަށް ބޮޑަށް ރަނގަޅުކޮށްދޭނެ ކަމެކެވެ.މިފަދަ ކާނާތަކުގެ ސަބަބުން އެލްޑީ.އެލް (ނުރަނގަޅު ކޮލެސްޓްރޯލް) މަތިވުމުގެ އިތުރުން، ބަރުދަން އިތުރުވުމާއި ސިއްހީ އެހެނިހެން މައްސަލަތަކަށް މަގުފަހިވެއެވެ. އޭގެ ބަދަލުގައި، ތާޒާ މޭވާއާއި، ތަރުކާރީ އަދި ގުދުރަތީ ކާނާ ގިނައިން ހިމެނޭ ކެއުމަކުން ހަށިގަނޑަށް ބޭނުންވާ މުހިންމު ނިއުޓްރިއަންޓްތައް ލިއްބައިދީ، އާންމު ދުޅަހެޔޮކަމަށް އެހީތެރިވެދެއެވެ.
ދިގު މުއްދަތުގެ ދުޅަހެޔޮކަމަށް ދިރިއުޅުމުގެ އާދަތަކަށް ގެންނަންޖެހޭ ބަދަލުތައް
ކެއުމާއި ކަސްރަތުގެ އިތުރުން، ދިރިއުޅުމުގެ ދުޅަހެޔޮ އާދަތައް އަށަގަންނުވުމަކީ ވަރަށް މުހިންމު ކަމެކެވެ. ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަކީ އެޗް.ޑީ.އެލް (ރަނގަޅު ކޮލެސްޓްރޯލް) މަތިކޮށްދީ، ލޭހިނގާ ހޮޅިތަކަށް ލިބޭ ގެއްލުންތަކުން ރައްކާތެރިކޮށްދޭ ކަމެކެވެ. ބޮަނުން ބޭނުންކުރާ މިންވަރު މަދުކުރުމަކީ ވެސް ކޮލެސްޓްރޯލް އެއްވަރެއްގައި ހިފެހެއްޓުމަށް އެހީތެރިވެދޭ ކަމެކެވެ. މެޑިޓޭޝަން ނުވަތަ ފުންކޮށް ނޭވާލުން ފަދަ ރިލެކްސޭޝަން އުކުޅުތަކުގެ އެހީގައި ސްޓްރެސް މެނޭޖްކުރުމަކީ ހިތުގެ ދުޅަހެޔޮކަމަށް އިތުރު ބާރަކަށް ވެގެންދާނެއެވެ. އެކަށީގެންވާ މިންވަރަށް ނިދުމަކީ ވެސް ގިނަ ފަހަރަށް އަޅާނުލެވިދާ ފަންކްޓަރެކެވެ. އެހެނީ ނިދި މަދުވުމަކީ ހަށިގަނޑުގެ މެޓަބޮލިޒަމްއަށާއި ކޮލެސްޓްރޯލްގެ ބެލެންސަށް ނޭދެވޭ އަސަރުކުރާ ކަމެކެވެ.
ކޮލެސްޓްރޯލް މަތިވުމަކީ ރަނގަޅު ގޮތްތައް އިޚްތިޔާރުކޮށްގެން ކޮންޓްރޯލް ކުރެވިދާނެ ހާލަތެކެވެ. ކެއުމާއި ދިރިއުޅުމުގެ އާދަތަކަށް އާދައިގެ ނަމަވެސް ދާއިމީ ބަދަލުތަކެއް ގެނައުމުން، ގުދުރަތީ ގޮތުން ކޮލެސްޓްރޯލް ދަށްކޮށް، ހިތުގެ ބަލިތަކުގެ ނުރައްކާ ކުޑަކުރެވިދާނެއެވެ. ސިއްހަތަށް ފައިދާހުރި ކެއުމާއި، ގަވާއިދުން ކުރާ ކަސްރަތާއި، އަދި ހޭލުންތެރި ދިރިއުޅުމެއް ހިމެނޭ ބެލެންސްޑް ރޫޓީންއެއްގެ ސަބަބުން ދިގު މުއްދަތުގެ ސިއްހީ ފައިދާތަކާއި ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެގެންދާނެއެވެ.

