ހއ. ދިއްދޫގައި ދަރިވަރުންގެ ދަނާލެއް އިމާރާތް ކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ. މި މަޝްރޫޢަކީ ދިވެހިރާއްޖޭގެ އެކި ސަރަޙައްދުތަކަށް މަތީ ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތައް ފުޅާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ވަށާޖެހޭ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދާ މުހިންމު މަސައްކަތެކެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި މަތީ ތަޢުލީމާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ އާއިޝަތު ޙިކްމާއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިޔުޓީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދް ޝަރީފް އަބްދުއްރަޙްމާން ޔޫސުފެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މަތީ ތަޢުލީމާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދު ވިދާޅުވީ، މިއީ އެކި ސަބަބުތަކާހުރެ ޢަމަލީ ސިފައެއް ނައިސް ގިނަ ދުވަސްތަކެއް ވަންދެން މަޑުޖެހިފައި އޮތް މަޝްރޫޢެއް ކަމަށެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދުރުވިސްނޭ ސިޔާސަތުގެ ދަށުން، މިފަދަ މަޝްރޫޢުތައް ސަރުކާރު ހިއްސާވާ ކުންފުނިތަކާ ހަވާލުކޮށްގެން ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށް ނިންމެވި ނިންމެވުމާއެކު މި މަސައްކަތް މިހާރު ފެށިފައިވާ ކަމަށެވެ. ސަރުކާރުގެ އަމާޒަކީ ކޮންމެ ކުއްޖަކަށްވެސް އެކުއްޖަކު ހުރި ރަށަކުން ނުވަތަ އެންމެ ކައިރި ރަށަކުން މަތީ ތަޢުލީމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ.
ދިއްދޫގައި ތަރައްޤީކުރާ މި ދަނާލަކީ ފާޚާނާއާ އެކު ފަރުމާކުރެވިފައިވާ ޒަމާނީ ފެންވަރުގެ 32 ކޮޓަރި ހިމެނޭ އިމާރާތެކެވެ. މީގެ އިތުރުން ދަރިވަރުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާނެ ކިޗަން، ޑައިނިންގ، ލޯންޑަރީ، ޖިމް އަދި ރެކްރިއޭޝަން އޭރިއާއެއް މި އިމާރާތުގައި ޤާއިމުކުރެވޭނެއެވެ. މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ދަރިވަރުން އަމިއްލަ ރަށުގައި ނުވަތަ އަތޮޅުގައި ތިބެގެން ފެންވަރު ރަނގަޅު ތަޢުލީމު ހޯދޭނެ ފަހި މާޙައުލެއް ބިނާކޮށްދިނުމެވެ.
ދިއްދޫގައި މިހާރު ތަރައްޤީ ކުރަމުންދާ ޖޫނިއަރ ކޮލެޖަކީ ހޮސްޕިޓަލިޓީ، އޮޓޮމޯޓިވް، ވެލްޑިންގ އަދި އިންޖިނިއަރިންގ ފަދަ ޓެކްނިކަލް ދާއިރާތަކުން ޒުވާނުން ތަމްރީނުކުރުމަށް ޚާއްޞަ ކުރެވިފައިވާ މަރުކަޒެކެވެ. މި ދަނާލު މަޝްރޫޢުގެ ސަބަބުން އެ ކޮލެޖުން ތަޢުލީމު ހާސިލުކުރާ ދަރިވަރުންނަށް ބޭނުންވާ އެކަމަޑޭޝަންގެ ވަސީލަތްތައް ފުރިހަމަވެ، ތަޢުލީމީ ދާއިރާއަށް އައު ދިރުމެއް ލިބިގެންދާނެ ކަމަށް މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ފާހަގަކުރެއެވެ.
ސަރުކާރުން އަންނަނީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޖޫނިއަރ ކޮލެޖުތަކާއި، ޤައުމީ ޔުނިވަރސިޓީ އަދި އިސްލާމީ ޔުނިވަރސިޓީގެ ކެމްޕަސްތައް ތަރައްޤީކުރަމުންނެވެ. މި ހުރިހާ ތަނެއްގައިވެސް ދަރިވަރުންނަށް އެރަށެއްގައި ތިބެގެން ކިޔެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން އެކަމަޑޭޝަން ބްލޮކްތަކާއި ދަނާލުތައް ބިނާކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ.

