އިންޑޮނީޝިއާއަށް މިއަދު އައި ބާރުގަދަ ބިންހެލުމަކާ ގުޅިގެން ބައެއް ޤައުމުތަކަށް ސުނާމީގެ ނުރައްކާ އޮތް ނަމަވެސް، ރާއްޖެއަށް އެ ބިންހެލުމުގެ ސީދާ ނުރައްކަލެއް ނެތް ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ބުނެފިއެވެ.
އިންޑޮނީޝިއާގެ މޮލުކާ ކަނޑުގެ ސަރަޙައްދަށް އައި މި ބިންހެލުމަކީ 7.4 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެކެވެ. މި ބިންހެލުން ރެކޯޑް ކުރެވިފައިވަނީ ރާއްޖެ ގަޑިން ރޭ ފަތިހު 3:48 ގައެވެ. ބިންހެލުމާ ގުޅިގެން އެ ސަރަޙައްދުގެ ބޮޑު ބަޔަކަށް މިހާރު ވަނީ ސުނާމީގެ އިންޒާރު ނެރެފައެވެ.
ހަވާއީގައި ހުންނަ ޕެސިފިކް ސުނާމީ ވޯނިން ސެންޓަރުން ހާމަކޮށްފައިވާ ގޮތުގައި، ބިންހެލުން އައި މަރުކަޒާ ގާތްގަނޑަކަށް 1,000 ކިލޯމީޓަރުގެ ސަރަހައްދެއްގައި ހިމެނޭ އިންޑޮނީޝިއާ، ފިލިޕީންސް އަދި މެލޭޝިއާގެ އައްސޭރިފަށުގެ ސަރަހައްދުތަކަށް ނުރައްކާތެރި ސުނާމީ ރާޅުތަކެއް އެރުމުގެ ފުރުސަތު އެބައޮތެވެ.
މެޓް އޮފީހުން ބުނީ މި ބިންހެލުން އައިސްފައިވަނީ މާލެއާ 5,865 ކިލޯމީޓަރު ދުރުން ކަމަށްވާތީ، ރާއްޖެއަށް މީގެ ސީދާ އަސަރެއް ކުރާނެ ކަމަށް ނުބެލެވޭ ކަމަށެވެ. މެޓް އޮފީހުން ދަނީ މި ހާދިސާ އިތުރަށް މޮނިޓަރ ކުރަމުންނެވެ.
އިންޑޮނީޝިއާގެ ސުމަޓްރާ ސަރަޙައްދަށް 2004 ވަނަ އަހަރު އައި 9.2 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމުގައި އުފެދުނު ސުނާމީގައި ރާއްޖެއަށް ބޮޑެތި ގެއްލުންތަކެއް ލިބި، ގިނަ ބަޔަކު މަރުވެފައިވާކަން ފާހަގަކުރެވެއެވެ. ނަމަވެސް މިއަދު އައި ބިންހެލުމާ ގުޅިގެން ރާއްޖެއަށް އެފަދަ ބިރެއް ނެތް ކަމަށް ކަމާބެހޭ އިދާރާތަކުން ކަށަވަރުކޮށްދެއެވެ.

