މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ މަސައްކަތްތައް ހިނގަމުންދާ ގޮތް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ބައްލަވާލައްވައިފިއެވެ. މި ޒިޔާރަތުގައި އެމަނިކުފާނު ވަނީ އިއްޒުއްދީނު ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް މަސައްކަތް ކުރިއަށްދާ ސައިޓަށް ވަޑައިގެން، މަޝްރޫޢުގެ އެކި ސެގްމަންޓްތަކުގެ މަސައްކަތް ނިމިފައިވާ މިންވަރު އޮޅުންފިލުއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ އެ ސަރަހައްދަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބް އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ މެނޭޖިން ޑިރެކްޓަރ ޑީ.ސީ.ޕީ (ރިޓަޔަރޑް) އަޙްމަދު ސަޢުދީއެވެ. މި ޒިޔާރަތުގައި ރައީސް ވަނީ މަޝްރޫޢުގެ ފޭސް 1 ގެ ސެގްމަންޓް 2 އިން 5 އާއި ހަމައަށް މަސައްކަތް ކުރިއަށްގޮސްފައިވާ މިންވަރު ވަޒަންކުރައްވާފައެވެ.
ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން އެ މަގުގެ ބައެއް ސަރަހައްދުތައް ހަތަރު ލޭނަށް ފުޅާކޮށް، ތާރުއެޅުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. އެގޮތުން ޖުމްހޫރީ މައިދާން ސަރަހައްދުން ފެށިގެން ރަސްމީ ފާލަމާ ހަމައަށް މަގު ފުޅާކޮށް 2025 ވަނަ އަހަރުގެ ނިޔަލަށް ނިންމުމަށާއި، ދެވަނަ ސެގްމެންޓުގެ މަސައްކަތް 2026 ވަނަ އަހަރުގެ ފެބުރުވަރީ މަހަށް ނިންމުމަށް ވަނީ އަމާޒު ހިފާފައެވެ.
މި މަޝްރޫޢުގެ ދަށުން އެންމެ ފުރަތަމަ ކުރިއަށްދިޔައީ ޖުމްހޫރީމައިދާން ކައިރިން މާރުކޭޓާއި ރަސްމީ ފާލަމާ ދެމެދު، ފަޅުތެރެއިން ބައެއް ހިއްކައިގެން ހަތަރު ލޭނަށް މަގު ފުޅާކުރުމުގެ މަސައްކަތެވެ. ދެވަނަ ސެގްމެންޓުގައި، ބޮޑުތަކުރުފާނު މަގުގެ ދެކުނު ފަރާތުން، ރަސްމީ ފާލަމުން ފެށިގެން މަސްމާރުކޭޓާ ހަމައަށް މަގު ފުޅާކޮށް ތާރުއެޅުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.
އެމްޓީސީސީ އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢު ނިމުމުން، ބޮޑުތަކުރުފާނު މަގުގައި ޒަމާނީ ފެން ހިންދާ ނިޒާމެއް ގާއިމުކުރެވި، މާލޭގެ ޓްރެފިކް ތޮއްޖެހުމަށް ބޮޑު ހައްލެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، މި ބަދަލާއެކު ދުއްވާ ތަކެއްޗަށާއި ހިނގާބިނގާވާ މީހުންނަށް ރައްކާތެރި އަދި ފަސޭހަ މަގަކަށް ބޮޑުތަކުރުފާނު މަގު ވެގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.
މި މަޝްރޫޢަކީ މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، ރައްޔިތުންނަށް ދިމާވެފައިވާ ދަތުރުފަތުރުގެ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މަސައްކަތް އެއްކޮށް ނިމުމުން ބޮޑުތަކުރުފާނު މަގު ވެގެންދާނީ ހުރިހާ ގޮތަކުންވެސް ފުރިހަމަ، ހިތްފަސޭހަ މަގަކަށެވެ.

