ރާއްޖޭގެ ޢުމްރާނީ ތަރައްޤީގެ ދުވެލި ހަލުވިކޮށް، އެއްފަހަރާ ގިނަ މަޝްރޫޢުތަކެއް ކުރިއަށްގެންދިއުމަށް ބޭނުންވާ 230 އަށްވުރެ ގިނަ މެޝިނަރީ ރާއްޖެ ގެނެސް، އެތަކެތި ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ. މި ތަކެއްޗަކީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއި ޗައިނާގެ އެކްސް.ސީ.އެމް.ޖީ އަދި އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ސޮލިއުޝަން (އައިޑީއެސް) އާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ގެނެސްފައިވާ ތަކެއްޗެވެ.
މި މަޝްރޫޢުގެ ދަށުން މެޝިނަރީ ގެނައުމުގެ އިތުރުން، އެތަކެތި މަރާމާތުކުރާނެ މަރުކަޒަކާއި ސްޕެއަރ ޕާޓްސް ވިއްކާ މަރުކަޒެއް ރާއްޖޭގައި ޤާއިމުކުރުމަށް ވަނީ ނިންމާފައެވެ. މީގެ ސަބަބުން މަޝްރޫޢުތަކަށް ބޭނުންވާ އިކުއިޕްމަންޓް ކުއްޔަށް ނަގަންޖެހުމުން ކުރިމަތިވާ ޚަރަދު ބޮޑުވުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބި، ސަރުކާރުގެ އަމިއްލަ ކެޕޭސިޓީގައި މަސައްކަތްތައް ކުރިއަށްގެންދިއުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.
ގެނެވުނު މެޝިނަރީތައް ބޭނުންކޮށްގެން ގުޅިފަޅާއި ގިރާވަރުފަޅުގެ ފެނާއި ނަރުދަމާގެ އިތުރުން މަގު ހެދުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށުމަށް ވަނީ ތާވަލުކުރެވިފައެވެ. މީގެ އިތުރުން، ޗައިނާ ސަރުކާރުގެ އެހީގައި މާލެ އާއި ވިލިމާލޭގެ މަގުތައް އަލުން ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިއަހަރުގެ ފަހުކޮޅު ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.
މި އައު ވަސީލަތްތަކާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ބިން ހިއްކުމާއި، މަގު ހެދުމާއި، ޔުޓިލިޓީ ވިއުގަތައް ޤާއިމުކުރުމުގެ މަޝްރޫޢުތައް މިހާރަށްވުރެ ހަލުވި ދުވެއްޔެއްގައި ކުރިއަށްދާނެކަމަށް ސަރުކާރުން އުންމީދު ކުރައްވައެވެ. މިއީ ރާއްޖޭގެ އިންފްރާސްޓްރަކްޗަރ ވަރުގަދަކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ސިފަކުރައްވައެވެ.

