މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ދެމުން އަންނަ މެރިޓް އެވޯޑް 2025، ސެންޓަ ފޮ ހަޔާ ސެކަންޑްރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) ގެ ހަތަރު ދަރިވަރަކަށް މިއަދު ހަވާލުކޮށްފިއެވެ.
ސީއެޗްއެސްއީގައި މިއަދު ބޭއްވި ހާއްސަ އެސެމްބްލީއެއްގައި މި އެވޯޑްތައް ދަރިވަރުންނާ ހަވާލުކޮށްދެއްވީ އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރު އަލީ ހުޒެއިމެވެ. މިއީ ދަރިވަރުންނަށް ކިޔެވުމަށް ހިތްވަރުދީ، ގައުމަށް ބޭނުންވާ ހުނަރުވެރި ޒުވާނުން އުފެއްދުމަށް އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ދެމުން އަންނަ އެވޯޑެކެވެ.
މި އަހަރުގެ އެމްއޭސީއެލް މެރިޓް އެވޯޑް ހާސިލުކޮށްފައިވަނީ ސީއެޗްއެސްއީގެ ގްރޭޑް 11 ނިންމި ދަރިވަރުންގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދި ދެ އަންހެން ދަރިވަރުންނާއި ދެ ފިރިހެން ދަރިވަރުންނެވެ. އެ ދަރިވަރުންނަކީ:
– އަޒުވަދު ޒާހިދު ޙަމީދު
– އީޒާން ޢަލީ
– ހަމްދާ އަޙްމަދު ޝިހާމް
– ޢާއިޝަތު ނައުރީން ޙަމްދީ
މި އެވޯޑް ހާސިލުކުރި ކޮންމެ ދަރިވަރަކަށް އެމްއޭސީއެލްގެ ފަރާތުން ލެޕްޓޮޕަކާއި ވައި-ފައި ޑިވައިސްއެއްގެ އިތުރުން، އެއް އަހަރު ދުވަހުގެ މުއްދަތަށް ޑޭޓާ ޕެކޭޖާއި ކޮންމެ މަހަކު ދޭ ފައިސާގެ އެލަވެންސެއް ލިބޭނެއެވެ.
އެމްއޭސީއެލް އިން ވޭތުވެދިޔަ ދެ އަހަރުވެސް މި އެވޯޑް ދީފައިވާއިރު، 2023 ވަނަ އަހަރުން ފެށިގެން އެ ކުންފުނިން ދަނީ ސީއެޗްއެސްއީގެ "ބެސްޓް އޯލް ރައުންޑް" ދަރިވަރުންނަށްވެސް ފައިސާގެ އިނާމު ދެމުންނެވެ. މީގެ އިތުރުން، އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ރާއްޖޭގެ އެކި ސްކޫލްތަކަށް ބޭނުންވާ ވަސީލަތްތަކާއި އެހެނިހެން އެހީތެރިކަންވެސް ފޯރުކޮށްދެމުންދާކަން އެ ކުންފުނިން ފާހަގަކުރެއެވެ.

