މާލޭގެ ޒުވާން ސްކޭޓަރުންގެ ގިނަ ދުވަސްވީ އުއްމީދުތަކާއި ގުޅިފައިވާ މާލޭ ސްކޭޓް ޕާކް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ. މާލޭ އުސްފަސްގަނޑު ސަރަހައްދުގައި ތަރައްގީކުރި މި ސްކޭޓް ޕާކް ހުޅުއްވައިދެއްވީ އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު އަދި ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް ބައިވެރިވެވަޑައިގަތެވެ. މީގެ އިތުރުން ސްކޭޓިން ކޮމިއުނިޓީގެ އެކި އުމުރުފުރާގެ އެތުލީޓުންނާއި މެމްބަރުންވެސް މި ހަފްލާގައި ބައިވެރިވިއެވެ. އެރީނާ ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ޕާކުގެ ވަސީލަތްތައް ބައްލަވާލައްވާފައެވެ.
ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރްސީސީ) ގެ އިޖުތިމާއީ ޒިންމާ (ސީއެސްއާރު) ގެ ދަށުން ކުރިއަށް ގެންދިޔަ މި މަޝްރޫޢުގެ ދަށުން ގާއިމްކޮށްފައިވަނީ ބައިނަލްއަގުވާމީ ފެންވަރުގެ ވަސީލަތްތަކެވެ. މީގެ ތެރޭގައި ސްޕީޑް ސްކޭޓިންގއަށް ޚާއްސަ 100 މީޓަރުގެ ލޭނަކާއި، ސްކޭޓް ބޯޑް ދުއްވުމަށް ޚާއްސަ ސަރަހައްދެއް ހިމެނެއެވެ.
މި ސްކޭޓިން އެރީނާގެ ބިންގާ އަޅާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހުއެވެ. މިއީ ސްކޭޓިންއަށް ހުރި ދަތިތައް ފިލުއްވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅުގެ ދަށުން ކުރިއަށް ގެންދިޔަ މުހިންމު މަޝްރޫޢެކެވެ.
ސްކޭޓް ކުރުމަކީ ރާއްޖޭގައި މިހާރު ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ކުޅިވަރަކަށްވާއިރު، ރާއްޖޭގެ ޒުވާން ސްކޭޓަރުން އަންނަނީ ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ވާދަކޮށް، ރާއްޖެއަށް ރަންވަނަތަކެއް ގެނެސްދެމުންނެވެ. މި ފެސިލިޓީ ހުޅުވުމާއެކު، އިންލައިން ސްކޭޓިން އަދި ސްކޭޓް ބޯޑިންގްގައި ހަރަކާތްތެރިވާ ކުދިންނަށް ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.
މި ސްކޭޓް އެރީނާ ވެގެންދާނީ ދިވެހި ސްކޭޓަރުންގެ ފޮނި އުންމީދުތަކާއި ގުޅިފައިވާ ދުވަސްވީ ހުވަފެނެއްގައި ޖެހުނު އުފާވެރި ކުލައަކަށެވެ. މި ފެސިލިޓީގެ ސަބަބުން މި ދެ ކުޅިވަރުންވެސް ކުރިއަށްދާން ބޭނުންވާ ކުދިންނަށް ގިނަ ފުރުސަތުތަކެއް ފަހިވެ، ހުނަރުވެރި އެތުލީޓުން އުފެދުމަށް މަގުފަހިވާނެއެވެ.

