އިތުރު ދަރަންޏެއް ނެގުމަކާ ނުލައި، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން 2021 ވަނަ އަހަރު ދޫކުރި ސުކޫކަށް ދައްކަންޖެހޭ ޖުމްލަ 524.68 މިލިއަން އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް އަށް ބިލިއަން ދިވެހި ރުފިޔާ) ސަރުކާރުން ދައްކައި ހަލާސްކުރުމާ ގުޅިގެން، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރަށް ތައުރީފު ކުރައްވައިފިއެވެ.
މާލީ ކަންކަމާއި ތަރައްގީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، މި ދަރަނި ސަރުކާރުން އަދާކޮށްފައިވަނީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސް.ޑީ.އެފް) އާއި ދައުލަތުގެ ރިޒާވް ބޭނުންކޮށްގެންނެވެ. ސަރުކާރުން ދެއްކި މި ފައިސާގެ ތެރޭގައި ސުކޫކުގެ އަސްލު އަގު ކަމަށްވާ 500 މިލިއަން ޑޮލަރާއި، އިންޓަރެސްޓްގެ ގޮތުގައި ދައްކަން ޖެހޭ 24.68 މިލިއަން ޑޮލަރު ހިމެނެއެވެ.
މިކަމާ ގުޅިގެން ރައީސް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، “އިތުރު ދަރަންޏެއް ނުނަގައި، ސަރުކާރުން ސްކޫކް ބޮޑަށް ދައްކަން ޖެހޭ ފައިސާ ދައްކައި ހަލާސްކޮށްފައިވާތީ، އެއީ ވަރަށް ބޮޑަށް ހިތްހަމަޖެހުމެއް ލިބިގެންދިޔަ، އުއްމީދީ ކަމެއް” ކަމަށެވެ.
މާލީ ވުޒާރާއިން ފާހަގަކުރި ގޮތުގައި، މި ދަރަނި އަދާކުރުމާއެކު އުފެއްދުންތެރިކަމުގެ ނިސްބަތުން ދައުލަތުގެ ދަރަނި ހުރި މިންވަރު ދަށްވެ، ކުރިއަށް އޮތް މެދު ރާސްތާގައި ރާއްޖޭގެ މާލީ ދާއިރާ އިތުރަށް ވަރުގަދަވެގެންދާނެއެވެ. މިއީ ރާއްޖޭގެ މާލީ އިތުބާރު ބައިނަލްއަގުވާމީ މައިދާނުގައި ދެމެހެއްޓުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެ ވުޒާރާއިން ސިފަކުރެއެވެ.
މި ސުކޫކަކީ 2021 ވަނަ އަހަރު މުއްދަތު ހަމަވި 250 މިލިއަން ޑޮލަރުގެ “ސަނީ ސައިޑް” ބޮންޑު ދެއްކުމަށްޓަކައި ކުރީ ސަރުކާރުން ނަގާފައިވާ ދަރަންޏެކެވެ. މާލީ ވުޒާރާއިން ވިދާޅުވި ގޮތުގައި، މި ސުކޫކަކީ ދުނިޔޭގެ އިގްތިސާދީ ހާލަތު ނާޒުކު ދަނޑިވަޅެއްގައި، ދަރަނި އަދާކުރާނެ އެކަށީގެންވާ ސިޔާސަތެއް ނެތި، ބޮޑު އިންޓްރެސްޓެއްގައި ނަގާފައިވާ ދަރަންޏެކެވެ.

