ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ކުރިއަށް އޮތް އިންތިޚާބުތަކުގެ ކެމްޕެއިން ނިންމާލުމުގެ ގޮތުން ބާއްވާ ޚާއްސަ ހިނގާލުން މިއަދު ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ. “ރައްޔިތުންގެ ބޮޑު ހިނގާލުން” ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 4:00 ގައި ޕީއެންސީ ޖަގަހަ ކުރިމަތީންނެވެ.
މި ހިނގާލުމުގައި ޕީއެންސީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވާނެއެވެ. ޕީއެންސީން ވަނީ މި ހަރަކާތުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް އެދިފައެވެ. މިއީ ކުރިއަށް އޮތް އިންތިޚާބުތަކުގެ ކެމްޕެއިން ނިންމާލުމަށް ބާއްވާ އެންމެ ބޮޑު ހަރަކާތެވެ.
މާދަމާ (ހޮނިހިރު ދުވަހު) ރާއްޖޭގައި މުހިންމު ތިން ވޯޓެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބުގެ އިތުރުން، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނަގާ ފެންނަނުފެންނަ ވޯޓެވެ.
މި އިންތިޚާބުތަކަށް ކޮންގްރެސް ޕާޓީން ވަނީ ފާއިތުވި ދެ މަހެއްހާ ދުވަހު ވަރަށް ވަރުގަދަ ކެމްޕެއިނެއް ހިންގާފައެވެ. ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބަށް އެންމެ ގިނަ ކެންޑިޑޭޓުން ނެރެފައިވާ ޕާޓީއަކީ ވެސް ޕީއެންސީއެވެ. ފާހަގަކޮށްލެވޭ ގޮތުގައި، އިންތިޚާބުގެ ކުރިން ވެސް އެ ޕާޓީއަށް ވަނީ ގިނަ ގޮނޑިތަކެއް ކަށަވަރުވެފައެވެ.

