ރ. އަލިފުށީގައި މިއަދު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި، އަލިފާން ރޯވި ގޭގައި ދިރިއުޅުނު ދެމަފިރިންނަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފިއެވެ.
އެންޑީއެމްއޭ އިން ބުނީ، އަލިފުށީ އައިރިސް ގޭގައި ހިނގި މި ހާދިސާގައި ގެއްލުން ލިބުނު އާއިލާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ރަށު ކައުންސިލާ ގުޅިގެން ކުރަމުންދާ ކަމަށެވެ. މި ހާދިސާގައި އެ ގެ ބޭނުން ނުކުރެވޭ ވަރަށް އަނދައިގެން ގޮސްފައިވާތީ، އެ ގޭގައި ދިރިއުޅެމުން އައި ދެމަފިރިންނަށް މިހާރު ވަނީ ބޯހިޔާވަހިކަން ހަމަޖައްސައިދީފައެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބިފައި ނުވި ނަމަވެސް، އައިރިސް ގޭގެ އިތުރުން އެ ގޭގެ އިންވެގެން ހުރި ދޯޅަބުގެ ފާރަށް ވެސް އެކިވަރުގެ ގެއްލުންތައް ވެފައިވާ ކަމަށް އެންޑީއެމްއޭ އިން މައުލޫމާތު ދެއެވެ.
އަލިފާންގަނޑު ނިއްވާލުމުގައި ސިފައިންނާއި، ފުލުހުން އަދި ރަށުގެ އާންމު ރައްޔިތުން ވަނީ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައެވެ. ގިނަ ބަޔަކު ގުޅިގެން ކުރި މަސައްކަތުން މިހާރު ވަނީ އަލިފާންގަނޑު އެއްކޮށް ނިއްވާލާފައެވެ.
ފުލުހުން ވިދާޅުވީ، މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ހާއްސަ ތަހުގީގެއް މިހާރު ފަށާފައިވާ ކަމަށެވެ. މިހާތަނަށް އަލިފާން ރޯވާން ދިމާވި ސީދާ ސަބަބެއް އަދި ކަށަވަރެއް ނުވެއެވެ.

