ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންގެ އިންތިހާބާ ގުޅިގެން، އިންތިހާބީ ހައްޤު އަދާކުރުމުގައި ނަޒާހަތްތެރިކަން އިސްކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު އިލްތިމާސްކޮށްފިއެވެ. އޭސީސީން މިކަން ހާމަކޮށްފައިވަނީ މިއަދު ނެރުނު ނޫސްބަޔާނެއްގައެވެ.
އޭސީސީގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، އިންތިހާބާ ގުޅިގެން ހިންގާ ރިޝްވަތުގެ އަމަލުތަކާއި ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރުމާ ގުޅޭގޮތުން ހުށަހަޅާ މައްސަލަތައް އެ ކޮމިޝަނުން ދަނީ ތަހުގީގުކުރަމުންނެވެ. މީގެ އިތުރުން މީޑިއާގެ ވަސީލަތްތަކުން ފާހަގަކުރާ ޝަކުވާތަކާއި އެހެނިހެން ގޮތްގޮތުން ކޮމިޝަނުގެ ސަމާލުކަމަށް އަންނަ މައްސަލަތައް ވެސް ބަލަމުންދާ ކަމަށް އެ ކޮމިޝަނުން ވިދާޅުވިއެވެ.
ކޮމިޝަނުން ބުނި ގޮތުގައި މި މައްސަލަތަކަކީ ޖިނާއީ މައްސަލަތަކެއް ކަމުން، އެ މައްސަލަތައް ތަހުގީގުކުރުމުގައި ތަބާވަނީ ދިވެހިރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމުން އެކަށައަޅާފައިވާ މިންގަނޑުތަކަށެވެ. މިއީ އިންތިހާބުގެ ސައްހަކަމާއި ނަޒާހަތްތެރިކަން ކަށަވަރުކުރުމަށްޓަކައި ކުރެވޭ މުހިންމު މަސައްކަތެއްގެ ގޮތުގައި އެ ކޮމިޝަނުން ފާހަގަކުރެއެވެ.
އިންތިހާބުގެ ނަޒާހަތްތެރިކަން ކަށަވަރުކުރުމަށްޓަކައި، ކެމްޕޭނު ކުރުމުގައި ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރުމާއި، ވޯޓަށް ނުފޫޒު ފޯރުވުމަށް ރިޝްވަތު ދިނުމާއި ހިފުން ފަދަ ކަންކަމުން ދުރުހެލިވުމަކީ މުހިންމު ކަމެއް ކަމަށް އޭސީސީން ވިދާޅުވިއެވެ. ޚާއްޞަކޮށް ވޯޓަށް ނުފޫޒު ފޯރުވުމުގެ ގޮތުން އެއްވެސް ފަރާތަކަށް ރިޝްވަތު ހުށަނޭޅުމަށް އެ ކޮމިޝަނުން ވަނީ އަންގާފައެވެ.
މީގެ އިތުރުން، ވޯޓު ދިނުމުގެ ޤާނޫނީ ހައްޤު ހެޔޮ ގޮތުގައި ބޭނުންކޮށް، ވޯޓުދިނުމުގެ ޒިންމާ އަދާކުރުމުގައި އެއްވެސް ފަރާތަކުން ހުށައަޅާ ރިޝްވަތެއްގައި ނުހިފުމަށް ވެސް އޭސީސީން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ހުރިހާ ރައްޔިތުންވެސް ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު އެ ހައްޤުގެ ބޭނުން ފުރިހަމައަށް ހިފުމަށް އެ ކޮމިޝަނުގެ ބަޔާނުގައި ބާރުއަޅާފައިވެއެވެ.

