ލޯކަލް ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ އިތުރުން، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ އާއްމު ހިޔާލު ހޯދުމުގެ ވޯޓުލުން މިއަދު ފަށައިފިއެވެ. ރާއްޖޭގެ ހުރިހާ ރަށެއްގައި ކުރިއަށްދާ މި އިންތިހާބުގެ ވޯޓުލުން މިހާރު ވަނީ ރަސްމީކޮށް ހުޅުވާލެވިފައެވެ.
މި ވޯޓުލުން މިއަދު ހަވީރު 4:00 އާ ހަމައަށް ކުރިއަށްދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތު ދެއެވެ.
އިލެކްޝަންސް ކޮމިޝަނުން މުޅި ރާއްޖޭގައި ޖުމްލަ 588 ވޯޓުލާ މަރުކަޒު ގާއިމްކޮށްފައިވާއިރު، ވޯޓުލާ ކޮންމެ މީހަކަށްވެސް ވޯޓުލުމަށް ތިން ކަރުދާސްކޮޅު ލިބޭނެއެވެ. ވޯޓުލާ މަރުކަޒަށް ވަންނައިރު އައިޑީ ކާޑު ނުވަތަ ރަސްމީ ލިޔުމެއްގެ އިތުރުން ނޫކުލައިގެ އާދައިގެ ގަލަމެއް ވެއްދޭނެއެވެ. ނަމަވެސް އަތްދަބަހާއި، ފައިލް އަދި އަޑާއި މަންޒަރު ރެކޯޑުކުރެވޭ ފަދަ އެއްވެސް އިލެކްޓްރޯނިކް ސާމާނެއް ވެއްދުމަކީ މަނާކަމެކެވެ.
ސިޓީތަކުގައި ވޯޓުލާ ފަރާތްތަކަށް ލިބޭ ކަރުދާހުގައި މޭޔަރާއި ދާއިރާގެ ކައުންސިލަރު ހޮވުމަށް ވަކި ދެ ބައެއް އޮންނާނެއެވެ. ހަމައެއާއެކު، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާއި މެންބަރު ހޮވުމަށްވެސް ވަކި ކަރުދާހެއް ދެވޭނެއެވެ. ނަމަވެސް ސިޓީ ކައުންސިލްތަކުގެ ވޯޓު ކަރުދާހުގައި އަންހެނުންނަށް ޚާއްސަ ގޮނޑިއަށް ވަކިން ވޯޓުލުމެއް ނޯންނާނެއެވެ.
ރަށު ކައުންސިލްތަކުގެ ވޯޓު ކަރުދާސް ފަރުމާކޮށްފައިވަނީ އެ ރަށެއްގެ އާބާދީގެ ނިސްބަތަށް ބަލައިގެންނެވެ. އެގޮތުން އާބާދީ 2000 އަށްވުރެ ކުޑަ ރަށްރަށުގައި ކައުންސިލް ރައީސާއި، އަންހެން މެންބަރަކާއި، އާންމު މެންބަރަކު ހޮވުމަށް ވޯޓުލާންޖެހެއެވެ. އަދި އާބާދީ 2000 އަށްވުރެ ބޮޑު ރަށްރަށުގައި ކައުންސިލް ރައީސަކާއި، ދެ އަންހެން މެންބަރުން އަދި ދެ އާންމު މެންބަރުން ހޮވުމަށް ވޯޓުލާންޖެހޭނެއެވެ.
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ވޯޓު ކަރުދާހުގައިވެސް އާބާދީގެ ކުޑަބޮޑުމިނަށް ބަލައި، ކޮމިޓީގެ ރައީސާއި މެންބަރުން ހޮވުމަށް ފާހަގަޖަހަންޖެހޭ އަދަދު ތަފާތުވާނެއެވެ. އެހެންކަމުން ވޯޓުލާއިރު ކަރުދާހުގައިވާ އިރުޝާދުތަކަށް ފަރުވާތެރިވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

