ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލު އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރުން، އިންތިޚާބުތައް އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުގައި ބައިވެރިވެވަޑައިގެން ވޯޓު ދެއްވައިފިއެވެ.
ރައީސް ޑރ. މުޢިއްޒު ވޯޓުލައްވާފައިވަނީ ތާޖުއްދީން ސްކޫލުގައި ހުރި މާފަންނު ދެކުނު ދާއިރާގެ ވޯޓު ފޮއްޓަށެވެ. ވޯޓު ދެއްވުމަށް ރައީސް ވަޑައިގެންނެވިއިރު އެމަނިކުފާނުގެ އަރިހުގައި ދަރިކަނބަލުން ވެސް ވޯޓު ލެއްވުމަށް ވަޑައިގަތެވެ.
ވޯޓުލެއްވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ވަނީ ހުރިހާ ރައްޔިތުންވެސް ވޯޓުލުމުގެ ޙައްޤު އަދާކުރުމަށް ނުކުތުމަށް އިލްތިމާސްކުރައްވާފައެވެ. "ރައްޔިތުންގެ ޤާނޫނީ ޙައްޤު އަދާކުރެއްވުމަށް، މިއަދުގެ ވޯޓުގައި ހުރިހާ ރައްޔިތުން ބައިވެރިވެވަޑައިގަތުމަށް އިލްތިމާސްކުރަން،" ރައީސް ވިދާޅުވިއެވެ.
މިއަދު ހެނދުނު 8:00 ގައި ފެށުނު މި ވޯޓުލުމުގައި، ލޯކަލް ކައުންސިލުތަކުގެ އިންތިޚާބުގައި 1,592 ކެނޑިޑޭޓުން އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ޖުމްލަ 1,368 ކެންޑިޑޭޓުން ވާދަކުރެއެވެ. މި އިންތިޚާބުގައި ޖުމްލަ 299,876 މީހަކަށް ވޯޓުލުމުގެ ޙައްޤު ލިބިގެންވާކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކުރެއެވެ.
އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތު ދޭ ގޮތުގައި، މި އިންތިޚާބުތަކަށް ޖުމްލަ 888,845 ވޯޓު ކަރުދާސް ވަނީ ޗާޕުކޮށްފައެވެ. އޭގެ ތެރޭގައި ލޯކަލް ކައުންސިލް އިންތިޚާބަށް 297,959 ކަރުދާހާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް 292,706 ކަރުދާސް އަދި ޚިޔާލު ހޯދުމުގެ ވޯޓަށް 298,180 ކަރުދާސް ހިމެނެއެވެ.
މިއަދުގެ ވޯޓުލުމަކީ ލޯކަލް ކައުންސިލުތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ 225 ދާއިރާއަކަށް 1,356 މަޤާމަކަށް މީހުން އިންތިޚާބުކުރުމަށް ބާއްވާ މުހިންމު އިންތިޚާބެކެވެ.

