ސިޓީތަކުގެ މޭޔަރުންނާއި، ކައުންސިލްތަކަށް މެމްބަރުން އިންތިޚާބު ކުރުމުގެ އިތުރުން ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމާ މެދު ފެންނަ ގޮތެއް ނިންމުމަށް ނަގާ ވޯޓުގައި ރައީސުލްޖުމްހޫރިއްޔާގެ އަންބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު މިއަދު ވޯޓުލައްވައިފިއެވެ.
މެޑަމް ސާޖިދާ މުހައްމަދު ވޯޓު ލެއްވީ މައްޗަންގޯޅި އުތުރު ދާއިރާގެ މީހުން ވޯޓުލުމަށް ކަނޑައެޅިފައިވާ ވޯޓު ފޮއްޓަށެވެ. މި ވޯޓު ފޮށި ބެހެއްޓިފައިވަނީ އަމީނިއްޔާ ސުކޫލުގައެވެ. މިއަދު ކުރިއަށްދާ މި މުހިންމު އިންތިޚާބުގައި ޖުމްލަ 294,937 މީހުންނަށް ވޯޓުލުމުގެ ހައްޤު ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.
މިފަހަރުގެ އިންތިޚާބުތަކަށް ތިން ބާވަތެއްގެ ވޯޓު ކަރުދާސް ވަނީ ޗާޕްކޮށްފައެވެ. އެގޮތުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ޖުމްލަ 297,959 ވޯޓު ކަރުދާސް ޗާޕްކޮށްފައިވާއިރު، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް 292,706 ވޯޓު ކަރުދާސް ވަނީ ޗާޕްކޮށްފައެވެ.
މީގެ އިތުރުން، އިންތިޚާބުތައް އެއްކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓަށް 298,180 ވޯޓު ކަރުދާސް ވަނީ ތައްޔާރުކޮށްފައެވެ. އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، މި ހުރިހާ އިންތިޚާބުތަކަށް މުޅި ޖުމްލަ 888,845 ވޯޓު ކަރުދާސް ވަނީ ޗާޕުކޮށްފައެވެ.

