ލޯކަލް ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުތަކާއި، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާމެދު ރައްޔިތުންގެ ހިޔާލު ހޯދުމަށް މިއަދު ކުރިއަށްދާ ވޯޓުލުމުގައި ކޮންގެރެސް ޕާޓީގެ ކެންޑިޑޭޓު މޫސާ އަލީ ޖަލީލް ވޯޓުލައްވައިފިއެވެ. މޫސާ އަލީ ޖަލީލް ވޯޓުލައްވާފައިވަނީ ކަލާފާނު ސްކޫލުގައި ބަހައްޓާފައި ހުރި ހެންވޭރު ދެކުނު ދާއިރާގެ ވޯޓު ފޮއްޓަށެވެ.
މި އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވެސް ވަނީ މިހާރު ވޯޓު ލައްވާފައެވެ. ރައީސް މުއިއްޒު ވޯޓު ލައްވާފައިވަނީ ތާޖުއްދީން ސްކޫލުގައި ހުރި މާފަންނު ދެކުނު ދާއިރާގެ ވޯޓު ފޮއްޓަށް ކަމަށްވާއިރު، މެޑަމް ސާޖިދާ ވޯޓު ލައްވާފައިވަނީ އަމީނިއްޔާ ސްކޫލުގައި ހުރި މައްޗަންގޮޅީ އުތުރު ދާއިރާގެ ވޯޓު ފޮއްޓަށެވެ.
ރާއްޖޭގެ އިންތިހާބީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނައުމާ ގުޅޭގޮތުން ނަގާ މި ހިޔާލު ހޯދުމުގެ ވޯޓުލުން ފެށިފައިވަނީ މިއަދު ހެނދުނު 8:00 ގައެވެ. މި ވޯޓާއެކު ކުރިއަށްދާ ލޯކަލް ކައުންސިލުތަކުގެ އިންތިހާބުގައި 1,592 ކެނޑިޑޭޓުން ވާދަކުރާއިރު، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި 1,368 ކެންޑިޑޭޓުން ވާދަކުރާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ތަފާސްހިސާބުތައް ދައްކާގޮތުން މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ޖުމްލަ 299,876 މީހަކަށް ލިބިގެންވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 144,506 އަންހެނުންނާއި 150,370 ފިރިހެނުންނެވެ. މި އިންތިހާބުގައި 225 ދާއިރާއަކުން 1,356 މަގާމަކަށް މީހުން އިންތިހާބު ކުރާނެއެވެ.
މި އިންތިހާބަކީ ރާއްޖޭގައި ބޭއްވޭ މައިގަނޑު ހުރިހާ އިންތިހާބުތަކެއް އެއް ދުވަހެއްގައި ބޭއްވުމާމެދު ރައްޔިތުންގެ ލަފާ ހޯދުމަށް ބާއްވާ މުހިންމު ވޯޓެކެވެ. މިއީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށާއި އިންތިހާބުތަކުގެ އިންތިޒާމުތައް ހަރުދަނާކުރުމަށް ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދާ މަސައްކަތެކެވެ.

