އައްޑޫ ސިޓީއާ ގާތްގަނޑަކަށް 2553 ކިލޯމީޓަރު ދުރުން، އިންޑިއާ ކަނޑުގެ ސަރަހައްދަކަށް މިއަދު ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ. މި ބިންހެލުމާ ގުޅިގެން ރާއްޖެއަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށް ކަމާބެހޭ އިދާރާތަކުން ވަނީ ހާމަކޮށްފައެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން މިއަދު އާއްމުކުރި މަޢުލޫމާތުގައި ބުނެފައިވަނީ، މި ބިންހެލުން އައީ މިއަދު ހެނދުނު 9:55 ހާއިރު ކަމަށެވެ. މެޓް އޮފީހުގެ ރެކޯޑްތަކުން ދައްކާ ގޮތުގައި މިއީ 5.3 މެގްނިޓިއުޑްގެ ބިންހެލުމެކެވެ. މި ބިންހެލުމުގެ ސީދާ އަސަރެއް ރާއްޖެއަށް ނުކުރާނެ ކަމުގެ ޔަގީންކަން އެ އިދާރާއިން ވަނީ ދީފައެވެ.
އެމެރިކާގެ ޖިއޯލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ބުނި ގޮތުގައި މި ބިންހެލުން ރެކޯޑްކުރެވިފައިވަނީ މިއަދު ހެނދުނު 10:00 ޖަހާއިރުއެވެ. ޔޫއެސްޖީއެސްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި ބިންހެލުން އައީ 5.5 މެގްނިޓިއުޑްގެ ބާރުމިނުގައި މިޑް އިންޑިއަން ރީޖަން އަށެވެ.
މިޑް އިންޑިއަން ރީޖަންއަށް މިއަދު ބިންހެލުމެއް އައިސްފައިވާއިރު، މިދިޔަ އޭޕްރީލް މަހުގެ 2 ވަނަ ދުވަހު އިންޑޮނީޝިއާއަށް ވެސް 7.4 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އައެވެ. އެ ބިންހެލުމާ ގުޅިގެން އޭޝިއާގެ ބައެއް ޤައުމުތަކަށް ސުނާމީގެ އިންޒާރު ނެރުނު ނަމަވެސް، ރާއްޖެއަށް އޭގެ އެއްވެސް އަސަރެއް ކޮށްފައެއް ނުވެއެވެ.
ކަނޑުގެ އަޑިއަށް އަންނަ މިފަދަ ބިންހެލުންތަކާ ގުޅިގެން ރާއްޖޭގެ ކަމާބެހޭ އިދާރާތަކުން ދަނީ ސަރަހައްދީ މަރުކަޒުތަކާ ގުޅިގެން ހާލަތު މޮނިޓަރ ކުރަމުންނެވެ. މިއަދު އައި ބިންހެލުމާ ގުޅިގެން އެއްވެސް ޤައުމަކަށް ސުނާމީގެ ނުރައްކަލެއް އޮތް ކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.

