މިއަދު ކުރިއަށްދާ ވަރުގަދަ ތިން އިންތިހާބުގެ ވޯޓް ފޮށިތައް އޮބްޒާވްކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެމްއާރްސީއެމް) ގެ 78 މުވައްޒަފުން ހަރަކާތްތެރިވަމުންދާ ކަމަށް އެ ކޮމިޝަނުން ހާމަކޮށްފިއެވެ. މި އޮބްޒާވަރުން ހަރަކާތްތެރިވަމުންދަނީ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ އިތުރުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު އޮބްޒާވް ކުރުމަށެވެ.
އެޗްއާރްސީއެމްއިން ވިދާޅުވި ގޮތުގައި މާލޭގެ އިތުރުން 18 އަތޮޅެއްގެ 21 ރަށެއްގައި އެ ކޮމިޝަންގެ މުވައްޒަފުން ދަނީ ހަރަކާތްތެރިވަމުންނެވެ. ވޯޓުފޮށި އޮބްޒާވްކުރުމުގެ މަސައްކަތް މިއަދު ހެނދުނު 6:30 އިން ފެށިގެން ވޯޓުލާ ނިމުމާ ހަމަޔަށް ކުރިއަށް ގެންދާނެ ކަމަށް އެ ކޮމިޝަނުން މައުލޫމާތު ދެއެވެ.
މާލެ ސަރަހައްދުގައި އެކި ގަޑިތަކުގައި 208 ފޮށްޓެއް އޮބްޒާވްކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އަތޮޅުތެރޭގެ 21 ރަށެއްގައި ޖުމްލަ 104 ފޮށްޓެއް އޮބްޒާވްކުރަމުންދާއިރު، ކ. މާފުށި ޖަލުގައި ވެސް ކޮމިޝަންގެ އޮބްޒާވަރުން ދަނީ ހަރަކާތްތެރިވަމުންނެވެ. މިއީ އިންތިހާބުގެ ކަންކަން އިންސާފުވެރިކަމާއެކު ކުރިއަށްދާކަން ކަށަވަރު ކުރުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.
މިއަދު ކުރިއަށްދާ އިންތިހާބުތަކުގައި ސިޓީތަކުގެ މޭޔަރުންނާއި ކައުންސިލަރުން ހޮވުމުގެ އިތުރުން، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ފެނޭތޯ ބެލުމަށް ނަގާ ހިޔާލު ހޯދުމުގެ ވޯޓުލުން ވެސް ހިމެނެއެވެ. މި ތިން އިންތިހާބުގެ ވޯޓުލުން ފަށާފައިވަނީ މިއަދު ހެނދުނު 8:00 ގައެވެ. ވޯޓުލުން މިއަދު ހަވީރު 16:00 އާ ހަމައަށް ކުރިއަށްދާނެއެވެ.
އިލެކްޝަންސް ކޮމިޝަނުން މުޅި ރާއްޖޭގައި 588 ވޯޓުލާ މަރުކަޒު ގާއިމްކޮށްފައިވާއިރު، މި އިންތިހާބުގައި 294,876 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ. ކައުންސިލް އިންތިހާބުގެ 678 މަގާމަކަށް 1,368 ކެންޑިޑޭޓުން ވާދަކުރާއިރު، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ 678 މަގާމަކަށް 1,597 ކެންޑިޑޭޓުން ވާދަކުރެއެވެ.

