ލޯކަލް ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގެ އިތުރުން ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ފެނޭތޯ ބެލުމަށް ނަގަމުންދާ ވޯޓުގައި މިހާތަނަށް 41,000 އަށްވުރެ ގިނަ މީހުން ވޯޓުލައިފި ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން އާންމުކުރި އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މިއަދު ހެނދުނު 8:00 އިން ފެށިގެން 10:00 އާ ހަމައަށް ޖުމްލަ 41,162 މީހުން ވަނީ ވޯޓުލައިފައެވެ. މިއީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ 13.96 އިންސައްތައެވެ. މިހާތަނަށް ވޯޓު ނުލާ ތިބީ 253,714 މީހުންނެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ 86.04 އިންސައްތައެވެ.
މިހާތަނަށް ވޯޓުލީ މީހުންގެ ތެރޭގައި ހިމެނެނީ 16,166 އަންހެނުންނާއި 24,996 ފިރިހެނުންނެވެ. މި އިންތިހާބުގައި ޖުމްލަ 294,876 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ. ވޯޓުލުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށްޓަކައި ރާއްޖޭގެ ހުރިހާ ރަށްރަށާއި، ރިސޯޓްތަކުގެ އިތުރުން ދައުލަތުގެ ބެލުމުގެ ދަށުގައި ހުންނަ ތަންތަނުގައި ޖުމްލަ 588 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ.
ކައުންސިލް އިންތިހާބުގައި 225 ދާއިރާއެއްގެ 678 މަގާމަކަށް 1,368 ކެންޑިޑޭޓުން ވާދަކުރާއިރު، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ 225 ދާއިރާއެއްގެ 678 މަގާމަކަށް 1,597 ކެންޑިޑޭޓުން ވާދަކުރެއެވެ. އެންމެ ގިނަ ކެންޑިޑޭޓުން ނެރެފައިވަނީ ސަރުކާރު ހިންގާ ޕީއެންސީންނެވެ. އެ ޕާޓީން 1,322 ކެންޑިޑޭޓުން ނެރެފައިވާއިރު، އިދިކޮޅު އެމްޑީޕީން 905 ކެންޑިޑޭޓުން ވަނީ ނެރެފައެވެ.
މީގެ އިތުރުން އެމްޑީއޭ އިން 57 ކެންޑިޑޭޓުން، ޖުމްހޫރީ ޕާޓީން 15، އަދާލަތު ޕާޓީން 9 އަދި ދަ ޑިމޮކްރެޓްސް އިން 8 ކެންޑިޑޭޓުން ވާދަކުރެއެވެ. އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓުންގެ އަދަދަކީ 645 އެވެ. މި އިންތިހާބުތަކަށް އަމާޒުކޮށްގެން ޖުމްލަ 888,845 ވޯޓު ކަރުދާސް ޗާޕުކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދެއެވެ.

