ވޯޓުލުމަށްޓަކައި ދޫނިދޫ ޖަލަށް ދާންޖެހޭ ފަރާތްތަކަށް ޚާއްސަ ފެރީތަކެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ. މި އިންތިޒާމަކީ މިއަދު ކުރިއަށްދާ އިންތިޚާބުގައި ވޯޓުލުމުގެ ފުރުސަތު ވީހާވެސް ގިނަ ބަޔަކަށް ފަހިކޮށްދިނުމުގެ ގޮތުން ހަމަޖެއްސި އިންތިޒާމެކެވެ.
މިއަދުގެ އިންތިޚާބުގައި ވޯޓުލާން ޖަލުތަކުގައި ރަޖިސްޓްރީކޮށްފައިވާ މީހުންގެ ތެރެއިން މިހާރު ހުކުމް ތަންފީޒުކޮށް ނިމިފައިވާ މީހުންނަށް ޖަލުގައި ވޯޓުލެވޭނެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން މީގެކުރިން ވަނީ ބުނެފައެވެ. އެހެންކަމުން، އެފަދަ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމަށް ފުލުހުން ވަނީ މާލެއިން ދޫނިދޫއަށް ދަތުރުކުރުމަށް ތިން ގަޑިއެއް ކަނޑައަޅާފައެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، ފުރަތަމަ ފެރީ މިއަދު ހެނދުނު 09:00 ގައި ވަނީ ފުރާފައެވެ. ދެން ހުރި ދަތުރުތައް ހަމަޖެހިފައިވަނީ މެންދުރު 12:00 ގައި އަދި މެންދުރުފަހު 13:45 ގައެވެ. މި ފެރީތައް ފުރުމަށް ހަމަޖެހިފައިވަނީ މާލޭގެ 3 ނަންބަރު ފާލަމުންނެވެ.
ވޯޓުލުމުގެ ޙައްގަކީ 18 އަހަރު ފުރިފައިވާ ކޮންމެ ދިވެހި ރައްޔިތަކަށްމެ ލިބިގެންވާ އަސާސީ ހައްގަކަށްވާއިރު، އިލެކްޝަންސް ކޮމިޝަނުން ކޮންމެ އިންތިޚާބެއްގައިވެސް ރީ-ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައެވެ. މިއީ އެމީހަކު ރަޖިސްޓްރީވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލާން ބޭނުންވާ ފަރާތްތަކަށް ދެވޭ ފުރުސަތެކެވެ.
މިފަހަރުގެ އިންތިޚާބުގައި ޖަލުތަކުގައި ޖުމްލަ 5 ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ހިމެނެނީ މާފުށި ޖަލުގައި ބަހައްޓާ 2 ފޮއްޓާއި، ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގައި ބަހައްޓާ 1 ފޮއްޓާއި، ހުޅުމާލެ ޖަލުގައި ބަހައްޓާ 1 ފޮށީގެ އިތުރުން ދޫނިދޫ ޖަލުގައި ބަހައްޓާ 1 ފޮއްޓެވެ.

