ގދ. ގައްދޫގައި ވޯޓުލުމުގެ ކަންކަން ކުރިއަށް ދަނިކޮށް ހިނގި ހަމަނުޖެހުންތަކަކާ ގުޅިގެން މެދުކަނޑާލުމަށްފަހު، އެ މައްސަލަ ހައްލުކޮށް އަލުން ވޯޓުލާން ފަށައިފިއެވެ.
ގައްދޫ ސްކޫލުގައި ވޯޓުލުން ކުރިއަށްދަނިކޮށް މި ހަމަނުޖެހުން ހިނގަން މެދުވެރިވީ، ވޯޓު ކަރުދާހުގައި ފާހަގަޖެހުމަށް ތައްޔާރުކޮށްފައިވާ ބޫތެއްގައި ފާހަގަ ޖަހާއިރު ވޯޓުގެ ސިއްރުކަން ނުހިފޭކަމަށް ބުނެ ބަޔަކު އެތަނަށް ވަދެ ބޫތަށް ބަދަލުގެންނަން އުޅުމުގެ ސަބަބުންނެވެ. މި ހާދިސާއާ ގުޅިގެން އެ ސަރަހައްދުގައި ނުތަނަވަސްކަން އުފެދި، ވަގުތުތަކަކަށް ވޯޓުލުން މެދުކަނޑާލަން ޖެހުނެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މިހާރު ވަނީ އެ ސަރަހައްދުގެ މަސްލަހަތު ގާއިމުކޮށް، އާންމު ހާލަތަކަށް ގެނެވިފައެވެ. މަސްލަހަތު ގާއިމުކުރެވުމާއެކު، މެދުކަނޑާލާފައި އޮތް ވޯޓުލުމުގެ މަސައްކަތް މިހާރު ވަނީ އަލުން ފަށާފައެވެ.
މި ހާދިސާގައި ވޯޓުލާ މަރުކަޒުގެ މަސައްކަތަށް ބުރޫއެރި ނަމަވެސް، ފުލުހުންނާއި އޮފިޝަލުން ގުޅިގެން ކުރި މަސައްކަތުން މިހާރު ދަނީ އަމާންކަމާއެކު ވޯޓުލުމުގެ ކަންކަން ކުރިއަށް ގެންދަމުންނެވެ.

