ލޯކަލް ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގެ އިތުރުން ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ފެނޭތޯ ބެލުމަށް މިއަދު ނަގަމުންދާ ވޯޓުގެ ވަގުތު އިތުރުކުރުމުގެ ވިސްނުމެއް ނެތް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
މިއަދު ހެނދުނު 8:00 ގައި ފެށި މި އިންތިހާބުގެ ވޯޓުލާ ގަޑި އިތުރުކުރަން އުޅޭކަމަށް ބުނެ ސޯޝަލް މީޑިއާގައި ވާހަކަތަކެއް ފެތުރެމުންދިޔަ ނަމަވެސް، ކޮމިޝަނުގެ އޮފިޝަލަކު ވިދާޅުވީ ވަގުތު އިތުރުކުރުމުގެ އެއްވެސް ނިންމުމެއް ނެތް ކަމަށެވެ. އަދި ކުރިންވެސް ހަމަޖެހިފައިވާ އުސޫލުން ހަވީރު 4:00 ގައި ކިއޫތައް ބަންދުކުރާނެ ކަމަށް އީސީން ވަނީ ކަށަވަރުކޮށްދީފައެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ މިހާތަނަށް އައިއިރު ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 44 އިންސައްތައަށްވުރެ ގިނަ މީހުން ވޯޓުލާފައިވާ ކަމަށެވެ. މިއީ ނިސްބަތުން ބަލާއިރު ވަރަށް ރަނގަޅު އަދަދެއްކަން ފާހަގަކުރައްވައި، ޒާހިދު ވަނީ ހުރިހާ ރައްޔިތުންވެސް ހަވީރު 4:00 ގެ ކުރިން ކިއޫއަށް އެރުމަށް އިލްތިމާސްކުރައްވާފައެވެ.
ކޮމިޝަނުން މީގެ ކުރިންވެސް ބުނެފައިވަނީ ގުދުރަތީ ބޮޑު ކަމެއް ދިމާވެގެން މެނުވީ އެއްވެސް އިންތިހާބެއްގައި ވޯޓުލާ ވަގުތު އިތުރު ނުކުރާނެ ކަމަށެވެ. މި އިންތިހާބުގައި ޖުމްލަ 294,876 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ.

