މިއަދު ކުރިއަށްގެންދާ ތިން އިންތިހާބުގެ ވޯޓުލުމަށް އިލެކްޝަންސް ކޮމިޝަނުން އިތުރުކުރި އެއް ގަޑިއިރު ހަމަވުމާއެކު، ވޯޓުލާ މަރުކަޒުތަކުގެ ކިއުތައް އެ ކޮމިޝަނުން މިހާރު ވަނީ ބަންދުކޮށްފައެވެ.
މިއަދު ހެނދުނު 8:00 ގައި ފެށި މި އިންތިހާބުތަކުގެ ތެރޭގައި ހިމެނެނީ ލޯކަލް ކައުންސިލުތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ އިތުރުން ރިޔާސީ އަދި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާމެދު ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ އާއްމު ވޯޓެވެ. ކުރިން ތާވަލުކޮށްފައި އޮތީ ހަވީރު 4:00 ގައި ވޯޓުލުން ނިންމާލުމަށެވެ.
ނަމަވެސް، މިއަދު އާދަޔާ ހިލާފަށް ހޫނު ގަދަވުމުގެ ސަބަބުން ގިނަ ބަޔަކަށް ވޯޓުލާން ނުނިކުމެވޭކަން ފާހަގަކުރެވި، ހަވީރު ފިނިވާން ފެށުމުން ގިނަ އަދަދެއްގެ މީހުން ވޯޓުލާން ނިކުމެ ކިއުގައި ޖެހެމުންދާތީ އިލެކްޝަންސް ކޮމިޝަނުން ވަނީ ވޯޓުލުމުގެ ވަގުތު ހަވީރު 5:00 އާ ހަމައަށް އިތުރުކޮށްފައެވެ. މިހާރު ކިއުތައް ބަންދުކޮށްފައިވާއިރު، އަލަށް އެއްވެސް މީހަކަށް ކިއުއަށް ނޭރޭނެއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ކިއު ބަންދުކުރުމަށްފަހު ވޯޓު ފޮށިތައް ބަންދުކުރަން ފަށާނީ ކިއުގައި ތިބި އެންމެން ވޯޓުލައި ނިމުމުން ކަމަށެވެ. އަދި ކިއު ބަންދުކުރި ގަޑީގައި ކިއުގައި މީހަކު ނެތް ނަމަ، އެ ފޮށްޓެއް ވަގުތުން ބަންދުކުރާނެއެވެ. ވޯޓު ގުނުމުގެ މަސައްކަތް ފަށާނީ ހުރިހާ ވޯޓު ފޮށްޓެއް ބަންދުކޮށް ނިމުމުންނެވެ.
ވޯޓު ގުނުމުގައި އަމަލުކުރާނެ ތަރުތީބަކީ ފުރަތަމަ ލޯކަލް ކައުންސިލުތަކުގެ އިންތިހާބުގެ ވޯޓު ގުނުމެވެ. އެއަށްފަހު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ވޯޓު ގުނައި، އެންމެ ފަހުން ގުނާނީ އާއްމު ހިޔާލު ހޯދުމުގެ ވޯޓު ކަރުދާސްތަކެވެ.
ކޮންމެ ވޯޓު ފޮށްޓެއްގެ މަސައްކަތް ނިމުމާއެކު، އެ ފޮށްޓެއްގެ ވަގުތީ ނަތީޖާ ވޯޓުލާ މަރުކަޒުގައި އިއުލާނުކުރަމުންދާނެ ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތުދެއެވެ.

