ހުޅުމާލެ ފޭސް 2 ގައި ހުންނަ ބިދޭސީން ދިރިއުޅޭ އެކަމޮޑޭޝަން ބްލޮކެއްގައި މިއަދު ހަވީރު ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. މި ހާދިސާ ހިނގި ސަރަހައްދުގައި އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސާވިސްއިން ދަނީ ހަރަކާތްތެރިވަމުންނެވެ.
އެމްއެންޑީއެފުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާގެ ރިޕޯޓު އެ އިދާރާއަށް ލިބިފައިވަނީ މިއަދު ހަވީރު 17:21 ހާއިރުއެވެ. ރިޕޯޓު ލިބުމާއެކު، ސިފައިންގެ ފަޔަރ ފައިޓަރުން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައެވެ.
މި ހާދިސާއާ ގުޅިގެން ސިފައިން މިހާރު ގެންދަނީ އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށާއި، އިމާރާތުގެ އެހެން ބައިތަކަށް އަލިފާން ފެތުރުނަ ނުދިނުމަށް ބޭނުންވާ މުހިންމު ފިޔަވަޅުތައް އަޅަމުންނެވެ. އަލިފާން ނިއްވުމުގެ މަސައްކަތް ހުއްޓުމެއް ނެތި ދަނީ ކުރަމުންނެވެ.
މި ހާދިސާގައި މިހާތަނަށް އެއްވެސް މީހަކަށް އަނިޔާވިކަމުގެ މައުލޫމާތެއް ލިބިފައި ނުވާކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. ނަމަވެސް، އަލިފާން ރޯވާން މެދުވެރިވި ސީދާ ސަބަބު މިހާތަނަށް ދެނެގަނެވިފައެއް ނުވެއެވެ.
އެމްއެންޑީއެފާއި ފުލުހުން ގުޅިގެން މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުންދާއިރު، މި ހާދިސާގެ ސަބަބުން ލިބުނު ގެއްލުންތަކުގެ ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

