2026 ވަނަ އަހަރުގެ އެޕްރީލް މަހުގެ 5 ވާ އާދީއްތަ ދުވަހާއި، އެޕްރީލް މަހުގެ 6 ވާ ހޯމަ ދުވަހަކީ ސަރުކާރު ބަންދު ދެ ދުވަސް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހަމަޖައްސަވައިފިއެވެ.
ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، މިގޮތަށް ހަމަޖެއްސެވީ 2026 އެޕްރީލް 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާއި، ރައްޔިތުންގެ ޚިޔާލުހޯދުމުގެ އާންމު ވޯޓުލުމާ ގުޅިގެން ކަމަށެވެ. މި އިންތިޚާބާ ގުޅޭ އެކިއެކި މަސައްކަތްތަކުގައި ދައުލަތުގެ މުއައްސަސާތަކާއި ސިވިލް ސަރވިސްގެ ގިނަ އަދަދެއްގެ މުވައްޒަފުން ހަރަކާތްތެރިވާތީ، އެޕްރީލް 5 ވާ އާދީއްތަ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިދެއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އެދިވަޑައިގެންފައެވެ.
މީގެ އިތުރުން، އިންތިޚާބަށް ފަހުގައިވެސް އިންތިޚާބާ ގުޅުންހުރި މުހިންމު މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާތީ، އެޕްރީލް 6 ވާ ހޯމަ ދުވަސް ވެސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިދެއްވުމަށް އިލެކްޝަންސް ކޮމިޝަނުން އެދިވަޑައިގެންފައިވާ ކަމަށް ރައީސް އޮފީހުން ހާމަކުރިއެވެ.
މި ނިންމެވުމުގެ ސަބަބުން އިންތިޚާބުގެ އެންމެހައި އިދާރީ މަސައްކަތްތަކާއި، ވޯޓު ގުނުމުގެ ކަންކަން ކުރިއަށް ގެންދިއުމުގައި މުވައްޒަފުންނަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. ސަރުކާރުން މިގޮތަށް ހަމަޖެއްސެވީ އިންތިޚާބުގެ ކަންކަން ވީހާވެސް އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށް މަގުފަހިކޮށްދިނުމުގެ ގޮތުންނެވެ.

